ޚަބަރު

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދީފި


ތިލަދުންމަތީ އުތުރުބުރީ ކައުންސިލުން ދޭ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދީފިއެވެ. މިއަހަރު ހިތްވަރު ދިނުމުގެ އިނާމް، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ހާސިލްކުރީ ހއ.ދިއްދޫ މާޒީ މުހައްމަދު ރަޝީދެވެ. ދިއްދޫގައި ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި މިއަހަރުވެސް އަގުވަޒަންކޮށް ގިނަ އިނާމްތަކެއް ދިނެވެ. 



ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ ގައުމީ، އަތޮޅު އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއެކު އަތޮޅުގައި ތިބި ޝަރަފްވެރިންގެ އަގު ވަޒަން ކުރުމަށް ދޭ އަތޮޅު ފެންވަރުގެ އިނާމެކެވެ. މިއަހަރުގެ އިނާމް ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. މިއަހަރު ހިތްވަރު ދިނުމުގެ އިނާމް ހާސިލްކުރި ހއ.ދިއްދޫ، މާޒީ މުހައްމަދު ރަޝީދު ފާހަގަކުރެވެނީ ފުޓްބޯޅަ ކުޅުމާއި ކުޅިވަރުގެ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމާއި ދިއްދޫގެ ފުޓްބޯޅަ ތަރައްޤީ ކުރުމަށް އަގު ހުރި ޚިދުމަތްތަކެއް ކުރަމުންދާ ފަރާތެއްގެ ގޮތުގައެވެ. ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ޖަމިއްޔާއަކަށް ހޮވިފައިވަނީ ކެލާ ޔޫތު ފޯރަމެވެ. ހއ. އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ރިސޯޓަކަށް ހޮވުނީ ޖޭ.އޭ މަނަފަރު ރިސޯޓެވެ. މީގެ އިތުރުން އަތޮޅު ޤްރުއާން މުބާރާތުގެ އެންމެ މޮޅު އަށް ދަރިވަރުންނަށާއި، ކައުންސިލުންދޭ ޚާއްޞަ އިނާމްގެ ގޮތުގައި ޤައުމީ އިމްތިހާންތަކުން ވަނަތައް ހޯދި ދަރިވަރުންނަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމްވެސް މިއަހަރުވަނީ ދީފައެވެ.



ހިތްވަރު ދިނުމުގެ އިނާމް ހާސިލްކުރި މުހައްމަދު ރަޝީދު ވިދާޅުވީ އަގުވަޒަންކޮށް މިފަދަ އެވޯޑެއް ދިނުމަކީ ކަންކަމުގައި އިސްނެގުމަށް ޒުވާނުންނަށް ލިބޭ ހިތްވަރެއްކަމަށެވެ. އެހެންކަމުން ޒުވާނުންނަށް އޭނާ ވަނީ މާތް އަޚްލާޤާއެކު ކުރިއަށްދިއުމަށް ނަސޭޙަތްތެރިވެފައެވެ.

"ހުރިހާ ގޮންޖެހުންތަކާއި ކުރިމަތިލާށޭ. ހިތްވަރު ގަދަކަމާއެކު ހިތްތިރިކަން އިސްކުރާށޭ. އުނގެނުމާއި އަހުލުވެރިކުރުމަށް ލޯބި ކުރައްވާށޭ. އެހީތެރިކަން ދިނުމާއެކު ސުލްހަވެރިކަން ޤާއިމްކުރާށޭ. އަޚްލާޤީ މިފަދަ ސިފަތަކަކީ ޤުދުރަތުން ލިބިފައިވާ ހުނަރުތަކަށް ތާޒާ ކަމާއި އާރޯކަން ލިއްބައިދޭ ކަންކަމޭ." ރަޝީދު ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރ ދެއްކެވި ވާހަކައިގައި ޢިލްމް އުނގެނުމުގެ މުހިންމުކަން ބަޔާންކޮށްދީ ޢިލްމްގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.



"ތަޢުލީމް ހާސިލް ކުރުމަކީ އެއީ ކޮންމެހެން އެ ތަޢުލީމްގެ ވަކި ފަންނަކުން، ވަކި ހުނަރަކުން އޭނާއަށް ހުނަރުތަކެއް ލިބުމެއް ނޫން. އެއީ ފުރިހަމަ އިންސާނާއެއް ބިނާ ކުރުމަށްޓަކައި ހާސިލް ކުރާ އެއްޗެއް. އެހެންވީމަ ޢިލްމް ހާސިލްކުރާ ކުއްޖާގެ އެ ހާސިލްކުރާ ޢިލްމް އެއީ މިރޭ މިތަނުން ފާހަގަކުރެވުނަސް، ދުވަސްކޮޅަކުން އެއީ އޭގެ އަތުގައި ހުރި ސެޓްފިކެޓްތަކެއް. އޭނާގެ ސިކުނޑީގައި ރައްކާކޮށްފައި ހުރި ޢިލްމީ ހުނަރުތަކެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެކަން ދައްކައިދޭންޖެހޭ އެއްޗަކީ އޭނާ ކުރާ ޢަމަލުތަކާއި އޭނާގެ ހުނަރުން." - އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.



ހއ.އަތޮޅު ކައުންސިލުންދޭ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް ދޭން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މި އިނާމާއެކު އަތޮޅުގައި ތަޢުލީމީ ޤާބިލް ދަރިން އުފެދި ޒުވާނުންނަށް ކުރިއަށްދިއުމުގައި ހިތްވަރު ލިބިފައިވާ ކަމަށް ހއ.އަތޮޅު ކައުންސިލުން ބުނެވެ.