ކުޅިވަރު

ވައި އެއިޓީން ކުޅިވަރު ފިއެސްޓާ އަންނަ މަހަށް ފަސްކޮށްފި


ވައި އެއިޓީން ކުޅިވަރު ފިއެސްޓާ އަންނަ މަހަށް ފަސްކޮށްފިއެވެ. 

ފެސްޓިވަލް ފަށަން މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ. އަދި ގުރުއަތުލުން ބާއްވަން ކަނޑައަޅާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ. 

ޕީޕީއެމްއިން ބާއްވާ ކުޅިވަރު ފެސްޓިވަލް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނާއި، ރާއްޖޭގެ ހުރިހާ ޞަރަހައްދަކަށް އަދިވެސް މޫސުން ރަނގަޅުނުވާތީކަމަށެވެ. ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭޝިޔާ ޞަރަހައްދުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާ ގުޅިގެން ދިވެހިރާއްޖޭގެ އެކި ރަށްރަށަށް ކެނޑިނޭޅި ކުރަމުންދާ ގަދަ ވިއްސާރައިގައި މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ތަފާތު އެކި ވަރުގެ ގެއްލުންތައް ލިބިފައިވާތީއާއި، ރާއްޖެ ހިމެނޭ ޞަރަހައްދުގައި އިތުރު ތޫފާނެއް އުފެދިދާނެތީ މޫސުމަށް ސަމާލުވުމަށް މޫސުން ދިރާސާކުރައްވާ ފަރާތްތަކުން ވަރަށްބޮޑަށް އިލްތިމާސްކުރައްވާކަމަށެވެ. އެހެންކަމުން މިއީ ޢާއްމުކޮށް ހުޅުވާލައިގެން މިފަދަ ބޮޑު ކުޅިވަރު މުބާރާތެއް ކުރިއަށްގެންދަން އެންމެ ރަނގަޅު ވަގުތަށް ނުވާތީ ފެސްޓިވަލް ފަސްކުރީކަމަށެވެ. 

ފެސްޓިވަލް ފަސްކުރީ އަންނަ ބުރާސްފަތި ދުވަހުގެރޭ ފުރުއަތުލުން ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި ކުރިން ނިންމާފައި އޮތީ މިމަހުގެ 15 ވަނަ ދުވަހު ފެސްޓިވަލް ފަށާށެވެ. މިއީ ފުޓްސެލްއާއި ވޮލީބޯޅަ ހިމެނޭގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންގެ އަގުބޮޑު ކުޅިވަރު ފެސްޓިވަލެވެ. ކޮންމެ ރަށަކުން ކުޅިވަރެއްގައި ޓީމެއް ވާދަކުރާގޮތަށް ކުރިއަށްގެންދާ ފެސްޓިވަލްގައި ފުޓްސެލް ޚާއްޞަކޮށްފައިވަނީ ފިރިހެނުންނަށެވެ. އަދި ވޮލީބޯޅަ އަމާޒުކޮށްފައިވަނީ އަންހެނުންނަށެވެ.