ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމުން އިގްތިސާދު ރަގަޅުވާނެ -އާސިފް


ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ކުރިއަށް އޮތްތާގައި ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްއިއްޔާގެ ނާއިބްރައީސް އިސްމާޢީލް އާސިފް ވިދާޅުވެއްޖެއެވެ.ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކަންދެއްވީ ދިވެހި މަސްވެރިންނާއި، ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށެވެ. އެގޮތުން ޗައިނާއާއެކު ޤާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދިވެހި މަސްވެރިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލުން ޑިއުޓީ އެއްކޮށް ކަނޑާލުން ހިމެނެއެވެ. މިއީ ދިވެހި މަސްވެރިންނަށް ޗައިނާ މާރކެޓަށް ވަނުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މީގެއިތުރުން ދިވެހި ވިޔަފާރިވެރިންނާއި، ޓޫރިޒަމް ސިނާޢަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް މިއެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޤައުމީ ޖަމުއިއްޔާގެ ނާއިބްރައީސް އިސްމާޢީލް އާސިފް ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމަކަށްވުމުން، މިނިވަން ވިޔާފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާއަށް ވުރެ ބޮޑަށް މި އެއްބަސްވުމުގެ ސަބަބުން ފައިދާ ކުރާނީ ރާއްޖެއަށް ކަމަށެވެ.

“މި އެއްބަސްވުމުން ޗައިނާއިން ވާނެ ފައިދާއެއް ނޯންނާނެ، ރާއްޖެއަކީ ކުޑަ އާބާދީއެއް އޮތް ރަށެއް، މި އެއްބަސްވުމުން ބޮޑަށް ފައިދާވާނީ ރާއްޖެއަށް" އާސިފް ވިދާޅުވިއެެވެ.އާސިފް ވިދާޅުވީ ޤައުމެއްގެ އިޤްތިސާދު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެހެން ޤައުމުތަކާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަށް ޤާއިމްކުރުމަކީ މުޙިއްމު ކަމެއް ކަމަށެވެ. އާސިފްވަނީ މި އެއްބަސްވުމާއި ގުޅޭގޮތުން އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި މެދު، ވަކި ޤައުމަކާއި އެކު ވިޔަފާރި ނުކުރަން ދައްކާ ވާހަކާ ވާހަކަތައް އެ ހަޑި އަމަލުތައް މި ދަނޑިވަޅުގައި ހުއްޓާލަން ގޮވާލަން" އާސިލް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ދަނީ ހޮންގް ކޮންގްއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރަމުން. އަދި އިތުރު ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ކައިރި މުސްތަޤްބަލެއްގައި ޤާއިމުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.