ޚަބަރު

މިހާރު އުފެދޭ ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެ


އަންޑަމަން ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފް، ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ތޫފާނަކަށް ބަދަލުވެދާނެކަމަށް ބެލެވޭކަމަށާއި، އެހެން ނަމަވެސް އޭގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭޤައުމީ އިދާރާއިން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްގެ އެސިސްޓެންޓް މީޓިއޮރަލަޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ، އަންޑަމަން ކަނޑުގެ ސަރަހައްދުގައި މިވަގުތު އުފެދިފައިވާ ލޯޕްރެޝަރ ޓްރަފް މާދަމާ ޑިޕްރެޝަން ސްޓޭޖަށް ބަދަލުވާނެކަމަށް ބެލޭވޭކަމަށެވެ. އަދި އެ ލޯޕްރެޝަރ ޓްރަފް ތޫފާނަކަށް ބަދަލުވިޔަސް ވާނީ މިމަހުގެ ހައެއް، ނުވަތަ ހަތެއް ހިސާބުގައިކަމަށެވެ. ހާފިޒް ވިދާޅުވީ އެ ތޫފާން ދަތުރުކުރާނީ ރާއްޖެއާ ވަރަށް ދުރުން ކަމަށާއި، ތޫފާން އަރާނެކަމަށް ލަފާކުރެވިފައިވަނީ އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް ކަމަށެވެ. 

މީގެ ހަތަރުވަރަކަށް ދުވަސްކުރިން ލަންކާ ސަރަހައްދުގައި އުފެދުނު ތޫފާން އޯޗީ ގެ ސަބަބުން ރާއްޖެއަށް ކުރި ވިއްސާރަ މިހާރު އެއްކޮށް ރަނގަޅުވެފައިވާކަމަށާއި، މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުން ދަނީ މޫސުމީ ވިއްސާރަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ސަރައްދަށް ވައިމަޑުވެ ކަނޑުތައްވެސް މަޑުވެފައިވާކަމަށް މެޓްއޮފީހުން ބުނެއެވެ.