ޚަބަރު

މަޖީދީމަގުގެ މަސައްކަތް މި މަހު 15 ގެ ކުރިން ނިމޭނެ


މަޖީދީމަގު މަރާމާތްކުރުމުގެ މަސައްކަތް މިމަހުގެ ފަނަރައަށް ނިންމާލާނެކަމަށް ހައުސިން މިނިސްޓްރީ ބުނެފިއެވެ. މާލެ ސިޓީގެ މަގުތަކަކީ ބޭނުންކުރަން ފަސޭހަ ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ މަޖީދީމަގުގެ އެންމެ ފަހު ބައިގެ މަސައްކަތެވެ.

މާލެ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދަނީ ނުވަ ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މަޖީދީ މަގުގެ އެންމެ ފަހު ސެގްމަންޓްގެ މަސައްކަތެވެ. އެއީ ހެންވޭރު ބޯޅަދަނޑުގެ ހުޅަނގު ކަންމައްޗާ ގުޅޭ ހިސާބުން ބޮޑުތަކުރުފަނު މަގުން އާޓިފިޝަލް ބީޗާ ވީ ސަރަޙައްދެވެ. އަދި މި ސަރަޙައްދުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމާލާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ މަޖީދީމަގުގެ މަސައްކަތަކީ ރައްޔިތުންނާ ގުޅުންހުރި ބޮޑު މަސައްކަތަކަށްވާއިރު، މި މަސައްކަތް ކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުމަށް މިނިސްޓްރީ ފަރާތުން ޝުކުރުއަދާކުރާ ކަމަށެވެ.

"މަޖީދީމަގުގެ މިހާރު ފަށައިގެން ކުރިއަށްދަނީ މަޖީދީ މަގުގެ އެންމެ ފަހު ސެގްމެންޓުގެ މަސައްކަތް މި މަސައްކަތުގެ ތެރެއިން މަގުގެ ބާކީ ނުނިމިވާ ސަރަޙައްދުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން އެއްކޮށް ނިންމާލެވޭނެ. އަންވަރު ވިދާޅުވިއެވެ. 

މަޖީދީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ޑްރެއިނޭޖް ސިސްޓަމްތައް ހަރުކޮށް، މިހާރު ހުރި ކާނުތަކުގެ ސައިޒް ދެގުނައަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތަށް އާކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ވަނީ ބަދަލުކޮށްފައެވެ.

ހައުސިންގ މިނިސްޓްރީގެ އަމާޒަކީ އާންމުންނަށް ލުއިވާނެ ގޮތަށް މާލެ ސިޓީގެ ގިނަ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މާލޭ 13 މަގެއް މަރާމާތުކުރުމަށް ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.