ކުޅިވަރު

ބޮޑު ޚަރަދު ކުރާ ޓީމްތަކަށް ނިޒާމްގެ ޗެލެންޖެއް!


އޭއެފްސީކަޕްގެ ޕްލޭ އޯފްއިން ޖާގަ ލިބުނަސް މާ އަގު ބޮޑު ކުޅުންތެރިން ނުގެންނާނެކަމަށް ޓީސީގެ ކޯޗު މުހައްމަމަދު ނިޒާމް ބުނެފިއެވެ.

 މާޒިޔާ ބަލިކޮށް، އޭއެފްސީކަޕް ޕްލޭއޯފްގެ ޖާގައެއް ހޯދުމުގެ ފުރުޞަތު ބޮޑުކުރި މެޗަށްފަހު ޓީސީގެ ކޯޗު ނިޒާމް ބުނީ އޭއެފްސީކަޕްގައި ވާދަކުރުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ. ނަމަވެސް އޭއެފްސީ ކަޕުން ޖާގަ ލިބުމާއެކު ޓީމަށް ބަދަލު ގެނައުން އެއީ އެންމެ ބުއްދިވެރިގޮތް ނޫންކަމަށާއި، ބޮޑު ޚަރަދުކޮށްގެން ކުޅުންތެރިން ގަތުމަކީ ޓީސީގެ ސްޓައިލް ނޫންކަމަށެވެ. 

ފާއިތުވެދިޔަ ދެ އަހަރުވެސް ޓީސީން ލީގު ކާމިޔާބުކަމާއެކު ނިންމާލީ މާ އަގުބޮޑު ކުޅުންތެރިންނާއެކު ނޫންކަށާއި، މިހާރު ޓީސީގައި ތިބި ކުޅުންތެރިންނާ މެދު ހިތްހަމަޖެހޭކަމަށްވެސް ނިޒާމް ބުންޏެވެ. އަގުބޮޑު ކުޅުންތެރިން ގެނެސްގެން އެހެން ޓީމްތައް ފެއިލްވެފައިވާ މަންޒަރު ފެންނަން މިއަދު އެބަހުރި ކަމަށާއި، އެވަޅުގަނޑަށް ޓީސީ ވެއްޓެން ބޭނުން ނޫންކަމަށް ނިޒާމް ބުންޏެވެ.

"މިހާރު މިއޮތީ ޓީސީގެ ޓީމަކީ. މިހާ ހިސާބަށް ޓީސީ އައިސްފައިވަނީވެސް ހަމަ މިކުޅުންތެރިންނާއެކު. ޓީސީ ކުރިއަށްދާނީވެސް މިކުޅުންތެރިންނާއެކު. ޓީސީގެ މެނޭޖްމަންޓުން ކުޅުންތެރިން ދެކެނީ އާއިލާއެއްގެ ގޮތުގައި. އޭއެފްސީކަޕްގެ ޕްލޭ އޯފްއިން ޖާގަ ލިބުނަސް، ޓީމަށް ބަދަލެއް ނުގެންނާނަން. ޓީސީން ކުރާނެކަމެއް ނޫން އެއީ އަގުބޮޑު ކުޅުންތެރިން ގަނެގެން ތައްޔާރުވުމަކީ. ޓީސީ އަބަދުވެސް އޮންނާނީ ޓީސީގެ ގޮތުގަ." ވިދިވިދިގެން ތިން އަހަރު ލީގުގެ ދެވަނަ ޓީސީއަށް ހޯދައިދިން ކޯޗު ބުންޏެވެ.

އެފްއޭކަޕް ފައިނަލަށް ޓީސީ ދަތުރުކޮށްފައިވާއިރު، މިރޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ގްރީން ސްޓްރީޓްސް އަތުން ނިއު ރޭޑިއަންޓް މޮޅުވެއްޖެ ނަމަ ޓީސީއަށް ޕްލޭއޯފްގެ ޖާގަ ކަށަވަރުވާނެއެވެ.