ކުޅިވަރު

ބޮލުން ގޯލު ޖެހުމުގައި މޮރާޓާ ވަރެއްނެތް!


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ނިއުކާސަލް އަތުން ޗެލްސީ 3-1 ން މޮޅުވި މެޗުގައި އަލްވާރޯ މޮރާޓާ ބޮލުން ޖެހި ގޯލާއެކު އޭނާ އަށް ހާއްސަ މަގާމެއް ލިބިއްޖެއެވެ.

ޔޫރަޕުގެ އެންމެ ގަދަ ފަސް ލީގުގެ ކުޅުންތެރިންގެ ތެރެއިން ބޮލުން މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް މޮރާޓާއެވެ. ރެއާލް މެޑްރިޑުން މި ސީޒަނުގައި ޗެލްސީ އަށް ގެނައި ސްޕޭނުގެ ފޯވަޑް ވަނީ މިހާތަނަށް ބޮލުން 11 ގޯލު ޖަހާފައެވެ.

ރޭގެ މެޗުގައި އޭނާގެ އިތުރުން ޗެލްސީގެ އަނެއް ދެ ގޯލު ޖެހީ އެޑެން ހަޒާޑްއެވެ. މިއީ ފާއިތުވެދިޔަ 10 މެޗުގައި އޭނާ ޖެހި 11 ވަނަ ގޯލެވެ.

ކޯޗު އެންޓޯނިއޯ ކޮންޓޭ މެޗަށް ފަހު ބުނީ މެޗުގެ ފަހަތުން އަރާ މެޗުން މޮޅުވާން ޖެހުނީ ނިއުކާސަލް ފުރަތަމަ ލަނޑު ޖެހުމުން ކަމަށާއި، އެއީ އޭނާގެ ޓީމުގެ ފެށުން މާލަސްވުމުން ނިއުކާސަލް ޖެހި ލަނޑެއް ކަމަށެވެ. ނަމަވެސް އެލަނޑަށް ފަހު ޓީމުގެ ކުޅުމާއި ހިތްވަރު ފެނުނީ ވަރަށް ރަނގަޅަށް ކަމަށާއި، އޭނާ ބޭނުންވި ހުރިހާ ކަމެއް މެޗުގައި ފެނިގެންދިޔަ ކަމަށެވެ.

ނިއުކާސަލްގެ ކޯޗު ރަފާ ބެނީޓޭޒް ބުނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް އޭނާގެ ޓީމު މާ އަވަހަށް މިސްޓޭކް ހަދާ ކަމަށާއި، ރޭގެ މެޗުގައި ވެސް ފެނިގެންދިޔައީ އެމަންޒަރު ކަމަށެވެ. ޗެލްސީ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި މެޗުގެ ކުރިން ވެސް ހަޒާޑްގެ ނުރައްކާތެރިކަން ކުޅުންތެރިންނަށް ވިސްނައިދިން ކަމަށެވެ.

ރޭގެ މެޗަށް ފަހު ޗެލްސީ އޮތީ 32 ޕޮއިންޓާއެކު ޓޭބަލުގެ ތިން ވަނާގައެވެ. ނިއުކާސަލް އޮތީ 15 ޕޮއިންޓާއެކު 14 ވަނާގައެވެ.

ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް މޮޅުވީ ބްރައިޓަން އަތުން 5-1 ނެވެ. ރޮބާޓޯ ފިރްމީނޯ ދެ ލަނޑު ޖެހއިރު، ދެން ލަނޑު ޖެހީ ފިލިޕް ކޮޓީނިއޯ އާއި އެންރޭ ކޭންއެވެ. ލިވަޕޫލްގެ ފަހު ލަނޑަކީ ބްރައިޓަންގެ ލެވިސް ޑަންކްއަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ 29 ޕޮއިންޓާއެކު ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. ބްރައިޓަން އޮތީ 17 ޕޮއިންޓާއެކު 11 ވަނާގައެވެ.