ކުޅިވަރު

މާޒިޔާ ބަލިކޮށް، ޓީސީ އެފްއޭކަޕްގެ ފައިނަލަށް


މާޒިޔާ ބަލިކޮށް، ޓީސީ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ. 

ސެމީފައިނަލް ފުރަތަމަ މެޗުގައި ރޭ މާޒިޔާގެ މައްޗަށް ޓީސީ ކުރި ހޯދީ ދޭއް ސުމަކުންނެވެ. މިއަހަރުގެ މާލޭ ލީގުގެ ޗެމްޕިއަން ޓީމް ކޮޅަށް ޓީސީން ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު ގޯލް އޭރިޔާ ތެރޭގައި މުޅިން ހުހަށް ހުރެ ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީއެވެ. އެއީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ސްޓެވާޓް ހުރަސްކޮށްދިން ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒު ހަސަންއެވެ. ނާއިޒު ލަނޑު ޖެހީ އަހުމަދު ރިލްވާން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ނާއިޒުއަށް ޖައްސާލުމުން އެއްފަހަރު ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. 

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތައް ތަނަވަސްކުރީވެސް ޓީސީންނެވެ. މިނަތީޖާއާއެކު މިދިޔަ އަހަރުތަކުގައި އެންމެ ރަނގަޅު ނަތީޖށާ ނެރެ، އޭއެފްސީކަޕްގައި ރާއްޖެ ތަމްޘީލްކުރަމުން އައި މާޒިޔާއަށް ވަނީ އޭއެފްސީކަޕްގެ ފުރުޞަތު ގެއްލިފައެވެ. ސެމީފައިނަލް ދެވަނަ މެޗުގައި މިރޭ ނިއުރޭޑިއަންޓް މޮޅުވެއްޖެ ނަމަ ފައިނަލްގެ ކުރިން އޭއެފްސީކަޕްގެ ދެވަނަ ޖާގަ ޓީސީއަށް ކަށަވަރުވާނެއެވެ.  މިރޭ ގްރީން މޮޅުވި ނަމަވެސް އަމިއްލަ ބާރުގައި އޭއެފްސީކަޕްގެ ޖާގަ ހޯދުމުގެ ފުރުޞަތު ޓީސީއަށް އެބައޮތެވެ.