ކުޅިވަރު

ސީލައިފްގެ މައްޗަށް ސިފައިންގެ ކްލަބް ކުރި ހޯދައިފި


ޤައުމީ ވޮލީބޯޅަ ލީގުގައި ވާދަވެރި ކުޅުމަކަށްފަހު ވ.އަތޮޅު ސީލައިފްގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބް ކުރި ހޯދައިފިއެވެ.

 ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވ.އަތޮޅު ސީފައިލް ސްޕޯރޓްސް ކުލަބްގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބް ކުރި ހޯދީ ތިން ސެޓް ދެ ސެޓުންނެވެ. ފަސް ސެޓަށް ދިޔަ މިމެޗްގެ ސެޓްތައް ދިވެހި ސިފައިންގެ ކުލަބް ގެންދިޔައީ 20-25، 25-20، 23-25، 26-24 އަދި 16-14 ނެވެ. މެޗްގެ ދެވަނަ ސެޓާއި، ހަތަރު ވަނަ ސެޓްވެސް ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރީ ސީލައިފް ލީޑް ނަގާފައިވަނިކޮށް، ފަހަތުން އަރާ ކުރި ހޯދައިގެންނެވެ. 

މެޗުގެ ފަސްވަނަ ސެޓް ނިމެންދިޔައިރު، ރެފްރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ސީލައިފްގެ ކުޅުންތެރިންވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ރެފްރީގެ ބައެއް ނިމުންތައް ގޯސްކަމަށް ތަކުރާރުކޮށް އެޓީމްގެ ކުޅުންތެރިން ދިޔައީ ފާހަގަކުރަމުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކުލަބްގެ ބިދޭސީ ކުޅުންތެރިޔާ މުނީރު ޚާންއެވެ.

މެޗަށްފަހު ދިވެހި ސިފައިންގެ ކުލަބްގެ ކޯޗް މުންމްތާޒު އަލީ ބުނީ މެޗުގައި ކުޅުންތެރިގެ ފަރާތުން ފެނުނު ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށާއި، ބައެއް ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް، އެކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއިމެދުވެސް ވަރަށް ހިތްހަމަޖެހޭކަމަށެވެ.

"މެޗުން މޮޅުވުމުން ހިތްހަމަޖެހޭ. ސީލައިފް ފަދަ ވަރުގަދަ ޓީމެއް އަތުން މޮޅުވެވުމުން ކުރިއަށް ހުރި މެޗުތަކަށް މިހާރު ވަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިފަ. ކުޅުންތެރިން މިއަދުގެ މެޗުގައި ވަރަށް ހިތްވަރުކުރި. މެޗުން މޮޅުވެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން. ކުރިއަށް ހުރި މެޗުތަކުގައި އަދި ތަފާތު ފެންނާނެ. ބިދޭސީ ކުޅުންތެރިންނާއި އޮންނަން ޖެހޭ ގުޅުން އަދި ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުވާނެ." ސިފައިންގެ ކޯޗު ބުންޏެވެ.

ސީލައިފް ސްޕޯރޓްސް ކުލަބްގެ ކޯޗް ސައްޔިދު އަލީ ބުނީ މިއީ ވަރަށް ރަނގަޅު ވޮލީ މެޗެއްކަމަށާއި، ފަސް ސެޓަށް ގޮސްގެން ބަލިވުމުން، ކުޅުންތެރިން މަސައްކަތް ނުކުރެއޭ ބުނެވެން ނެތްކަމަށެވެ.

" މެޗުގައި ކުޅުންތެރިން ވަރަށް މަސައްކަތް ކުރި. ނަސީބުވެސް އެހީނުވީ. ފަސް ސެޓަށް ގޮސްގެން އެންމެ ފަހު ވަގުތު ބަލިވީވެސް ފަހު ޕޮއިންޓްތަކުން. ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް މިމެޗުން ފާހަގަވެގެންދިޔަ. ކުރިއަށް ހުރި މެޗުތައް ރަނގަޅުވާނެކަމަށް އުއްމީދު މިކުރަނީ. " ސައްޔިދު އަލީ ބުންޏެވެ.

މިމުބާރާތުގައި މިރޭ ވާދަކުރާނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބެވެ.