ޚަބަރު

ރަށްރަށަށް ކާޑާއި ގޭސް ފޮނުވުމުގެ މަސައްކަތް ފަށައިފި


ކާޑާއި ގޭސް ހުސްވެފައިވާ ރަށްރަށަށް، ކާޑާއި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކާޑާއި ގޭސް ހުސްވެގެން މިހާތަނަށް ފަސް ރަށަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި މ. މުލަކު ހދ. ފިނޭ އިން ގޭސް ހުސްވެފައިވާއިރު، ކާޑު ހުސްވެގެން ރިޕޯޓްކޮށްފައިވަނީ ހދ. ފިނޭ ފ. ދަރަނބޫދޫ، ފ. ބިލެތްދޫ އަދި ނ. ކުޑަފަރިންނެވެ. 

މިނިސްޓަރ ވިދާޅުވީ ރަށްރަށުން ކާޑާއި ގޭސް ހުސްވިނަމަވެސް، ކޮންމެ އަތޮޅެއްގައިވެސް ހުންނަ އެސްޓީއޯގެ ފިހާރަ މެދުވެރިކޮށް އެ ރަށްރަށަށް ބޭނުންވާ ކާޑާއި ގޭސް ފޯރުކޯށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެސްޓީއޯގެ އަތޮޅު ފިހާރަތަކުގައި ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ގޭސް ހުރިކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާތަނަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ ފިހާރަތަކުން ކާޑާއި ގޭސް ހުސްވެގެންކަމަށާއި، ގޭބީސީތަކުން ކާޑާއި ގޭސް ހުސްވެގެން ރިޕޯޓެއް ކޮށްފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މޫސުން ރަނގަޅުވުމުން މާދަމާވެސް ރަށްރަށަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.