ޚަބަރު

ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އަންގަވައިފި


ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މަތީ ދަރަޖައިގައި އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް, ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކަށް އަންގަވައިފިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާރުގަދަ ވަޔާއެކު އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިން ރައްޔިތުން ރައްކާތެރިކަމަށް ސަމާލުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިލްތިމާސްކުރައްވާކަމަށެވެ. އަދި މިހާތަނަށް ލިބުނު ގެއްލުން ދިރާސާކޮށް، އެހީތެރިކަން ދެމުންގެންދާކަމަށްވެސް މުޢާޒްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މަތީ ދަރަޖައިގައި އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ޢަބްދުﷲ މުޢާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ.