ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝަރަފުގައި ޚާއްސަ ހަވީރެއް


ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝަރަފްގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. ދިއްދޫގައި ކުރިއަށްގެންދާ މަލްޓީމީޑިޔާ އެންޑް ވެބް ޑިޒައިނިން ކޯހުގެ ބައިވެރިން އިންތިޒާމްކޮށްގެން ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މިހަވީރުގަ ދިއްދޫގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަންސާހަކަށް ފަރާތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ޖިސްމާނީ ނުކުޅެދުންތެރިކަމާއި، އޯޓިޒަމާއި ވާހަކަދެއްކުމާއި އަޑުއިވުމުން މަޚްރޫމްވެފައިތިބި ކުދިން ހިމެނެއެވެ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ހަވީރުގައި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ނުކުޅެދުންތެރިކަން ހުރި ކުދިންނަށް އޮތް ލޯބި ހާމަ ކުރުމަށް ހަރަކާތް ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ މަރުޚަބާ ދެންނެވުމުގެ ކަންކަންމެވެ.

ހަވީރު ރަސްމީކޮށް ފައްޓަވާދެއްވީ މަރިޔަމް ރިޔާޝާއެވެ. ހަވީރު ފައްޓަވައިދެއްވާ ރިޔާޝާ ދެއްކެވި ވާހަކައިގައި، މިއީ އޭނާގެ ހަޔާތުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ އަގުވަޒަންކޮށް ބޭއްވި ފުރަތަމަ ހަރަކާތްކަން ފާހަގަކޮށް އޭނާގެ ޝުޢޫރު ހިއްސަކުރިއެވެ.



ދިއްދޫގައި ކުރިއަށްގެންދާ މަލްޓީމީޑިޔާ ކޯހުގައި 278 ބައިވެރިން ކިޔަވާއިރު، މީގެ ތެރެއިން 25 ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ/ ކޯހުގައި ކިޔަވަމުންދާ އައިޝަތު މައިޝާ ބުނީ، އެކި ގޮންޖެހުންތަކާއެކުވެސް އޭނާއަށް މިހާ ހިސާބަށް އާދެވުނީ މައިންބަފައިން ދިން ހިތްވަރުގެ ސަބަބުން ކަމަށެވެ.

ހަވީރުގެ ތެރެއިން ބޭއްވި އެންމެ ޚާއްސަ އެއް ހަރަކާތަކީ މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ލޯގޯ އެޅުމަށް ބޭއްވި އަތުގުޅާލުމުގެ ހަރަކާތެވެ.