ޚަބަރު

ދ. މީދޫގެ 35 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް!


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ދ. މީދޫގެ 35 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދ. މީދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ސިއްދީޤު ޢަލީ ވިދާޅުވީ، ރެއިން ފެށިގެން ވެހެމުންދިޔަ ވާރޭ މިވަގުތައް ހުއްޓާފައިވީ ނަމަވެސް، މިހާރުވެސް އެރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާކަމަށެވެ.

ސިއްދީޤު ވިދާޅުވީ، ވާރޭ ވެހުމުގެ ސަބަބުން ފެންވަދެފައިވާ ގެތަކަށް ކައުންސިލުން ޒިޔާރަތްކޮށް ހާލަތު ބަލަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ރަށުތެރޭގައި ހެދިފައިވާ ފެންގަނޑުތަކާއި ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި ރައްޔިތުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ރަށުގެ އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައި. ބައެއް ގެތަކަށް ދެ ފޫޓާއި ދެ ފޫޓު ބަޔަށް ފެންވަދެ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ގިނަ ސާމާނުތަކެއް ވަނީ ހަލާކުވެފައި. އޭގެ ތެރޭގައި އައިސް އަލަމާރި، ސޯފާ ސެޓު އަދިވެސް ހިފާ ގެންގުޅޭ ބައެއް ސާމާނުތައް ހަލާކުވެފަ. ފެން ހިއްކުމުގެ މަސައްކަތް ރައްޔިތުން ވެސް ދަނީ ކުރަމުން" ދ. މީދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ސިއްދީޤު އަލީ ވިދާޅުވިއެވެ.

ސިއްދީޤު ވިދާޅުވީ، މީދޫގައި އާންމުކޮށް ފެންބޮޑުވާ ސަރަޙައްދުތަކުގައި މީގެ ތިން އަހަރުކުރިން ޤާއިމްކޮށްފައިވާ ފެންހިންދާ ނިޒާމުގެ ސަބަބުން އެ ސަރަޙައްދުތަކުން ފަސޭހަކަމާއެކު ފެން ހިނދިގެންދާ ކަމަށެވެ. ނަމަވެސް ބައެއް ސަރަޙައްދުތަކުގައި މިވަގުތުވެސް ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން މިއަދު ވަރަށް ބޮޑަށް ގޯސް ވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މިއެލާޓް ނެރިފައި ވަނީ މިއަދު މެންދުރު 11:45 އިން ފެށިގެން އިރުއޮއްސި 7:00 އަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށެވެ. މި ވިއްސާރައިގައި ބޯކޮށް ވާރޭވެހިި، ވައިަގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.