ޚަބަރު

މޫސުމަށް ސަމާލުވޭ- ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރޭ!


ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ދަތުރު ކުރާއިރު މޫސުމާއި ބެހޭ އިދާރާއާއި، ކޯސްޓްގާޑާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ޙިއްސާ ކުރާ މަޢުލޫމާތާއި އެއްގޮތަށް ދަތުރު ފަތުރުކުރުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. އަދި ކޮންމެން ކުރަންޖެހޭ މުހިންމު ދަތުރުތައް ފިޔަވައި އެއްވެސް ދަތުރެއް ނުކުރުމަށާއި އުޅަނދައް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެއިތުރުން ދަތުރުކުރާއިރު މުޢާސަލާތީ ވަސީލަތްތައް ހަމަކޮށްގެން ދަތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަސްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ގަދަ ވަޔާއިއެކު ވިއްސާރަކުރަމުންދާއިރު، އެކަމަށް ސަމާލުވެ ފެން ނުވައްނާނެހެން ގޭގޭގެ ކުރިމަތީގައި ވެލިބަސްތާ ޖެހުމާއި، ފެން ބޮޑުވެއްޖެ ހިނދެއްގައި މުދަލަށް ގެއްލުން ނުވާނެހެން ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ތަކެތި ބަދަލުކުރުމަށް ސަމާލުވުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ގަދަވަޔާއެކު ގޭގޭގެ ފުރާޅު އެއްލާލައި ގެއްލުންވަމުންދާތީ އެކަމަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.