ޚަބަރު

ލަންކާގައި އުޅޭ ދިވެހިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިން އެޤައުމުގެ މޫސުމަށް ސަމާލުވުމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކުރައްވައިފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން މިކަމަށް އިލްތިމާސްކޮށްފައިވަނީ ކުރިއަށް އޮތް 12 ގަޑިއިރު ސްރީލަންކާގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެޤައުމުގެ މޫސުމާބެހޭ އިދާރާއިން ރެޑް އެލާޓް ނެރެފައި ވާތީއެވެ.

ސްރީލަންކާގައި ދިވެހިން އުޅޭ ބައެއް ސަރަހައްދުތަކުންވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ކަރަންޓް ކެނޑިފައެވެ. ނަމަވެސް އެއްވެސް ދިވެއްސަކަށް ކަމެއް ވިކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ވިދާޅުވެފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވެފައިވާކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ކުރިއަށްއޮތް 12 ގަޑިއިރުގެ ތެރޭ ކޮލަމްބޯއަށާއި ކައިރި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވައިގަދަވުމަކީ އެކަށީގެންވާކަމެއްކަމަށް ސްރީލަންކާގެ މުސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ދަނީ އެޤައުމުގައި އުޅޭ ދިވެހިންގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރަމުންނެވެ. ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއްވެސް ކަހަލަ ދަތިކަމެއް ނުވަތަ އިމަޖެންސީއެއް ދިމާވެއްޖެނަމަ، 0768096660 ނަންބަރަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސްރީލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަޑެއްގެ އަސަރު ރާއްޖެއަށް ކުރާނެތީ މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.