މިމަހުގެ 19 ވަނަ ދުވަހު އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސަޓްނާ އަވަށުގެ ހޮސްޕިޓަލެއްގައި އުމުރުން 28 އަހަރުގެ މަޚްސޫދް ޚާން އެޑްމިޓްކުރީ އޭނާ ބަނޑުގައި ރިއްސާތީއެވެ. ޑޮކްޓަރުން ފުރަތަމަ ހީކުރީ އޭނާގެ ބަނޑުގައި ރިއްސަނީ ކާނާ ވިހަވެގެންކަމަށެވެ.
"މިދިޔަ މަހެއްހާ ދުވަސްވަންދެން ބަނޑުގައި ރިއްސާތީ އޭނާ އުޅުނީ. ފުރަތަމަ ހެދި ޓެސްޓުތަކުން އެނގުނު އޭނާގެ ބަނޑުގައި އިންފެކްޝަނެއް އުޅޭކަން، އަދި ބްލަޑް ޕްރެޝަރ ވަރަށް ބޮޑަށް ދަށްވެފައިވާކަން.. ވަރަށް ނާޒުކު ހާލަތެއްގައި އޭނާ އޮތީ" ބަލިމީހާ ބެއްލެވި ޑރ. ޕްރިޔަންކް ޝަރްމާ ވިދާޅުވިއެވެ.
ޑޮކްޓަރުން ފަހުން ހެދި ޓެސްޓުތަކުން ބަލި މީހާގެ ބަނޑުގައި ރިއްސަނީ ވަރަށް ސީރިއަސްކަމެއް ދިމާވެގެންކަން ހާމަވިއެވެ.
img:http://s4.psmnews.mv/images/660x400/15120510127010.jpg|ބަލި މީހާގެ ބަނޑުގެ އެކްސްރޭ / އޭނާގެ ބަނޑުން 5 ކިލޯއެއްހާ ދަނގަޑުގެ ބާވަތް ނެގި
"އަޅުގަނޑުމެންނަށް ފުރަތަމަވެސް ޝައްކުވި އެހެން ކަމެއް އެބައުޅޭކަން.. އެއީ ބަލިމީހާގެ އާއިލާއިންވެސް ބުނެފައި އޮތީ މީނާއަކީ މީހުން އާއްމުކޮށް ކައި ނޫޅޭ ބާވަތުގެ އެއްޗެހި ކައި ހަދާ މީހެއްކަމަށް.. އެހެންވެގެން އަޅުގަނޑުމެން އޭނާގެ ބަނޑުގެ އެކްސްރޭއަކާއި އަލްޓްރާ ސައުންޑް ސްކޭނެއް ހެދީ" ޑރ. ޕްރިޔަންކް ވިދާޅުވިއެވެ.
އެކްސްރޭއާއި ސްކޭންތައް ފެނުމުން ޑޮކްޓަރުން ވަރަށް ބޮޑަށް ހައިރާންވިއެވެ. އެއީ އެމީހާގެ ބަނޑުން ފައިސާ ފޮތްޗާއި ރޭޒަރު ތިލަފަދަ ދަނޑުގެ އެތައް ބާވަތެއް ފެނުމުންނެވެ. އޭނާގެ ބަނޑުގައި ހުރި އެއްޗެހިތައް ނެގުމަށް މިމަހުގެ 24 ވަނަ ދުވަހު ކުރި އޮޕަރޭޝަނުގައި ބޭނުންކުރީ ލެޕަރޮސްކޯޕެކެވެ.
"އޭނާގެ ބަނޑުން އަޅުގަނޑުމެންނަށް ފެނުނު ބޯލްޓް ނަޓާއި ޗޭނާއި 263 ވަކި ލާރިއާއި 100 އެއްހާ މޮހޮރު. އޮޕަރޭޝަނަށް 3 ގަޑިއިރެއްހާއިރު ހޭދަވި. އޮޕަރޭޝަން ކުރުމަށްފަހު ފުރަތަމަ 24 ގަޑިއިރު އޭނާ އޮތީ ނާޒުކު ހާލަތެއްގައި ވެންޓިލޭޓަރެއްގައި. އެކަމަކު މިހާރު އޭނާއަށް އެއްވެސް ނުރައްކަލެއް ނެތް" ޑޮކްޓަރު ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/15120510396174.jpg|އިންޑިއާ މީހާގެ ބަނޑުން ނެގި ވަކި ލާރިތައް / އޭނާގެ ބަނޑުން 5 ކިލޯއެއްހާ ދަނގަޑުގެ ބާވަތް ނެގި
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިހާރު އޭނާގެ ބަނޑުގައި ދަނގަޑުގެ އެއްވެސް ބާވަތެއް ނެތެވެ. ނަމަވެސް މިއީ ޑިޕްރެޝަނުގެ ސަބަބުން އޭނާގެ އުޅުމަށް އައި ބަދަލުތަކެއްގެ ސަބަބުން އޭނާ ކެއި އެއްޗެހިތަކެއްކަމަށް ބެލެވޭކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.
2016 ވަނަ އަހަރުވެސް އިންޑިއާގައި މިފަދަ ކަމެއް ހިނގިއެވެ. އިންޑިއާގެ ޕަންޖާބުގައި ހިނގި ހާދިސާގައި 42 އަހަރުގެ މީހެއްގެ ބަނޑުން 40 ވަޅި ނަގަން ޖެހުނެވެ. މިއޮޕަރޭޝަނަށް ގާތްގަނޑަކަށް 2 ދުވަސް ހޭދަވިއެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އޭނާއަށްވެސް ސިކުނޑީގެ މައްސަލަތަކެއް ކުރިމަތިވެ، ދަނގަޑުގެ ބާވަތްތައް މީރުވީއެވެ.