ޚަބަރު

ދިވެހިންގެ އަމިއްލަވަންތަކަން ދަމަހައްޓަވައިދެއްވީ ރައީސް ޔާމީން


ރާއްޖޭގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް އެއްވެސް ވެރިޔަކު ނުކުރާހާ މަސައްކަތް ރައީސް ޔާމީން ކުރައްވަމުން ގެންދަވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރައީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"ސިލޯނުވެސް" ނަމުގައި ރޭ ލަންކާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް އޮތީ އަތުން ބީވެގެންދާ ހިސާބުގައިކަމަށެވެ. އަދި ދިވެހިންގެ ސަޤާފަތާއި އާދަކާދަތައްވެސް އޮތީ ނެތިގެންދާ ހިސާބުގައިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ބޭރުގެ ނުފޫޒުތަކުން ދިވެހިރާއްޖެ ސަލާމަތްކޮށް، ދިވެހިންނަކީ އަމިއްލައަށް ކަންކަން ނިންމާ ބަޔަކަށް ހައްދަވައިދެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިފަދަ ހާލަތެއްގައި އޮތްވާ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ.. އެދުވަހުވެސް ވިދާޅުވީ ދިވެހި ޤައުމުގެ ކަންކަން ނިންމާނީ ދިވެހިންނޭ.. ދިވެހިން ބޭނުންވާ ގޮތަކަށޭ.. އެކަންކަމުގެ ތެރެއަށް ބޭރު މީހުންނަކަށް އަތް ބާނާކަން ފުރުޞަތެއް ނުދެއްވާނަމޭ.. ޤައުމެއްގެ މުސްތަޤިލްކަން އެންމެ ބޮޑަށް ފެންނަނީ އެޤައުމެއްގެ އަމިއްލަވަންތަކަން އެޤައުމެއްގައި ދެމެހެއްޓިގެން.. އެޤައުމެއްގެ ކަންކަން ނިންމުގެ ބާރު އެޤައުމެއްގެ ރައްޔިތުންގެ އަތުގައި އޮވެގެން.. އެހެން ނޫނީ އެޤައުމެއްގެ މުސްތަޤިލްކަމާއި މިނިވަންކަމުގެ ބޭނުމެއް ނެތް.. މިކަންކަން ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވީ ރައީސް ޔާމީން." އަބްދުއްރަހީމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15119556914798.jpg|ލަންކާގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީޕީއެމް ލަންކާ

ޢަބްދުއްރަހީމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕީޕީއެމްގެ ޢާއްމު މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަކީ އެންމެ ބޮޑު މަސައްކަތްކަމަށް ޢަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ޕީޕީއެމަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިޖަލްސާގައި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ލަންކާގައި ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށްވުރެ ފުޅާވެ، އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިން ލަންކާގައި ތިބި ދިވެހިންގެ ބޮޑު ތާއީދެއް އެމްޑީޕީއަށް އޮތް ނަމަވެސް މިހާރު އެ ތާޢީދު އޮތީ ޕީޕީއެމަށްކަމަށް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15119557394589.jpg|ލަންކާގައި ބޭއްވި ޖަލްސާގައި މުހައްމަދު ހުސައިން ޝަރީފް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީޕީއެމް ލަންކާ

ލަންކާގައި ހުންނަ ޕީޕީއެމްގެ އޮފީހުގެ ބޭއްވި މިޖަލްސާގައި ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ލަންކާގައި ދިރިއުޅޭ ޕީޕީއެމްއަށް ތާޢީދުކުރާ ގިނައަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.