ޚަބަރު

ޔޫތު ފޯރަމް 2017 ކާމިޔާބުކަމާއެކު ނިންމާލައިފި


ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބޭއްވި ޔޫތު ފޯރަމް 2017 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި ކުރިޔަށް ދިޔަ މި ފޯރަމްގައި ސަތޭކައަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވެއެވެ. 

މި ފޯރަމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްސާ މިހާރަށްވުރެ އިތުރުކުރުމަށް ކުރިއަށްގެންދިޔަ ފޯރަމެއްކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. 

މި ފޯރަމްގައި ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާޢު ވިދާޅުވީ، މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ޒުވާނުންނަށްޓަކައި މުހިންމު މަސައްކަތްތަކެއް ކޮށްދީފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީވެސް ޒުވާނުންނަށް އަދި ވަކިން ޚާއްސަކޮށް މަތީ ތަޢުލީމު ޙާސިލްކުރަން ބޭނުންވާ ޒުވާނުންނަށް ފަހި ބަޖެޓެއް ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15118978000327.jpg|

މި ފޯރަމްގައި 5 ދާއިރާއަކުން ޒުވާނުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެއީ ތިމާވެށީގެ ދާއިރާއާއި، ތަޢުލީމާއި އިޖްތިމާޢީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާ އަދި އިސްލާމީ ދާއިރާއެވެ. ތިމާވެށީގެ ދާއިރާއިން  މައުލޫމާތުދެއްވީ ހަސަން ހުސެން ޝިހާބުއެވެ. ތަޢުލީމީ ދާއިރާއިން ޑރ. އަލީ ފަވާޒް ޝަރީފު މައުލޫމާތު ދެއްވިއިރު ކުޅިވަރުގެ ދާއިރާއިން މައުލޫމާތު ދެއްވީ އަހުމަދު މަރުޒޫޤުއެވެ. އިޤްތިޞާދީ ދާއިރާއިން މަރިޔަމް ވިސާމް މައުލޫމާތުދެއްވިއިރު އިސްލާމީ ދާއިރާއިން މައުލޫމާތުދެއްވީ ޑރ. މުހަންމަދު ޝަޙީމް ޢަލީ ސައީދުއެވެ. މި ބޭފުޅުންނަށް ޔޫތު މިނިސްޓްރީގެ ފަރާތުން ވަނީ ޚާއްސަ ފިލައެއް އަރުވާފައެވެ. އަދި ފޯރަމްގައި ބައިވެރިވި ހުރިހާ ބައިވެރިންނަށް މިނިސްޓްރީގެ ފަރާތުންވަނީ ސެޓްފިކެޓްވެސް ދީފައެވެ.

img:http://s2.psmnews.mv/images/660x400/15118977677399.jpg|

މި ފޯރަމްގައި ބައިވެރިވި ބައެއް ބައިވެރިން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ ހުރިހާ ކޮލެޖުތަކެއްގެ ދަރިވަރުން ވަރަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ ކާމިޔާބު ފޯރަމެކެވެ. އަދި މި ފޯރަމުގެ ސަބަބުން ހަޔަރ އެޑިއުކޭޝަން ކޮމިއުނިޓީއަށް ވަރަށް މުހިންމު ކަންތައްތަކެއް އެނގިގެން ހިނގައްޖެކަމަށް ބައިވެރިން ފާހަގަކުރިއެވެ.

މި ފޯރަމްގައި ލިބުނު މަޢުލޫމާތާއި، މަޝްވަރާކޮށް ނިންމުނު ކަންކަމަށް ރިޢާޔަތްކޮށް، މި ދާއިރާތަކުން ކަންކަން ދަމަހައްޓާ ކުރިއެރުވުމަށް ބައިވެރިންވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ޤައުމާއި ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަންކަން ކުރުމަށް ބޭނުންވާ ފަންނީ ދިރާސާތަކަށް މަގުފަހިކުރުމާއި، އެހެނިހެން ފަރުދުންނާއި ޖަމާޢަތްތަކުން ރާވައި އިންތިޒާމްކުރާ ޢިލްމީ ފޯވަހިތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެ، ޢިލްމީ ޤާބިލުކަން އިތުރުކުރުމުގައި ދެމިތިބުމަށްވެސް ބައިވެރިން ވަނީ އެއްބަސްވަފެއެވެ.