ޚަބަރު

ޔޫތު ފޯރަމުން ބިނާކުރަނިވި ޚިޔާލުތަކެއް ލިބިއްޖެ


ޔޫތު ފޯރަމްގެ ބައިވެރިވިންގެ ފަރާތުން ޤައުމު ބިނާކުރުމަށް ޒުވާނުންނަށް އަދާކުރެވިދާނެ މުހިއްމު ދައުރާއި ގުޅޭ މުހިއްމު ޚިޔާލުތަކެއް ލިބިފައިވާކަމަށް ޔޫތް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޔޫތް ފޯރަމްގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ސަރުކާރުގެ އެކި މުވައްސަސާތަކުން ޒުވާނުން ބައިވެރިވެފައިވެއެވެ.  

ޔޫތު ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، މި ފޯރަމްގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް ފޯރަމްގެ ޕެނަލިސްޓުންގެ ފަރާތުން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދިޔަކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޒުވާނުންގެ ދައުރާއި ޒުވާނުން ބާރުވެރި ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުން ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށެވެ.  

އަންނަ އަހަރު ރާއްޖޭގައި މެޑިކަލް ޔުނިވާސިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކި ދާއިރާތަކުން ކިޔެވުމަށް ބޭނުންވާ ޒުވާނުންނަށް އަންނަ އަހަރު ތިންހާހަށްވުރެ ގިނަ ސްކޮލަރޝިޕްތައް ލިބިގެންދާނެކަމަށެވެ. 

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބޭއްވި ޔޫތު ފޯރަމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ކުރިއަށްގެންދިޔަ ފޯރަމެއްކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. 

މި ފޯރަމްގައި ސަތޭކައަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވެއެވެ.