ޚަބަރު

ޕާސްޕޯޓް ކާޑަކީވެސް އައިޑީ ކާޑެކޭ އެއްފަދައިން ރަސްމީ ލިއުމެއް!


ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިން ޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވަނީ، ސަރުކާރުގެ މުއައްސަސާތަކާއި، ހޮސްޕިޓަލްތަކާއި، ބޭންކުތައް ފަދަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިން ޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ ޕާސްޕޯޓް ކާޑަކީ، ދިވެހިރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓް ފިޔަވައި ސަލާމަތީގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުމަށް ވުމުންކަމަށްވެސް މި ދެންނެވުމުގައިވެއެވެ.

ބައިނަލްއަޤުވާމީ ދަތުރުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ޕާސްޕޯރޓްގެ ބަދަލުގައި ބޭނުންކުރުމަށް، ޕާރސްޕޓް ކާޑެއް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ މިއަހަރުގެ އޮކްޓޫބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

މި ކާޑަކީ ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުންތަކުގައިވެސް ބޭނުންކުރެވޭ ކާޑެކެވެ. އަދި އޭޓީއެމުން ފައިސާ ނެގުމާއި ޑްރައިވިން ލައިސަންސްގެ އިތުރުން ވިޔަފާރިކުރުމުގައިވެސް މި ކާޑް ބޭނުންކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި ކާޑަކީ ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް އިތުރުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ކާޑެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.