ކުޅިވަރު

ހިތްހަމަޖެހުމަކީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދެވުން - ނިޒާމް


އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެވި، އެކުޅުންތެރިން ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފުންކަމަށް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފިއެވެ.

 ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީގެން އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ހޯދި ޓީސީގެ ކޯޗު ބުނީ ލީގުގައި އެންމެ ފަހުން ޓީސީ ކުޅުނު މެޗުގައިވެސް ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެ، ފުރުޞަތުގެ ބޭނުން ހިފިކަމަށެވެ. އެމެޗުގައި ދެ ލަނޑު ޖަހާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދީ ޢާއްމުކޮށް ޓީސީގެ ޓީމުން ޖާގަ ނުލިބޭ ޒުވާން ކުޅުންތެރިއެކެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔާ ނަޝާހު އަހުމަދު، ނައްޓުއަކީ ޓީސީގެ ފުރަތަމަ އެގާރައިން އަލަށް ޖާގަ ދިން ކުޅުންތެރިއެކެވެ. މިދިޔަ ދެ އަހަރުވެސް ޓީސީއަށް ލީގުގެ ދެވަނަ ހޯދައިދިން ނިޒާމް ބުނީ ޒުވާން ކުޅުންތެރިންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފާ، ފުޓްބޯޅައިގައި ކުރިއަރަމުން އަންނާތީ އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

" ޗެލެންޖެއްނޫން، ވަރަށް ބޮޑު އުފަލެއް ހިތްހަމަޖެހުމެއް އެއީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެވުން. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކުޅުންތެރިން އަރާ ރަނގަޅަށް ޕާފޯމް ކުރުން. " ނިޒާމް ބުންޏެވެ.

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ކޮންމެ ކޮންމެ ޓީމަކަށް ވާނެ ކަމެއް ނޫންކަން ފާހަގަކުރަމުން ކޯޗު ނިޒާމް ބުނީ ބޮޑެތި ހަރަދުތައްކޮށްގެން ނިކުންނަ ޓީމްތަކުން ޒުވާން ކުޅުންތެރިނަށް ފުރުސަތު ދީގެން ރިސްކް ނަގަން އެހާ ފަސޭހަ ނުވާނެކަމަށެވެ. ނިޒާމް ބުނީ  މިދިޔަ ހަތަރު އަހަރުތެރޭ ޓީސީން ނެރުނު ޒުވާން ކުޅުންތެރިން ހުއްޓާނުލާ ޓީސީއަށް އަދި އެހެން ޓީމުތަކުގައި ކުޅެމުންއަންނަތަން ފެންނާތީ ވަރަށް އުފާވާކަމަށެވެ.