ކުޅިވަރު

އަންނަ އަހަރު ނިއުގައި ތިބޭނީ ކޯޗު ބޭނުންވާ ކުޅުންތެރިން


އޭއެފްސީ ކަޕަށް ތައްޔާރުވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި އަންނަ އަހަރު ތިބެނީ ކޯޗު ބޭނުންވާ ކުޅުންތެރިން އެކަނި ކަމަށް އެކުލަބުން ބުނެފިއެވެ.

ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް ބުނީ އަންނަ އަހަރު ކުލަބުގައި ތިބެން ކޯޗު ސްޕޭނުގެ އޮސްކާ ބުރޮޒޮން ބޭނުންވާ ކުޅުންތެރިންގެ ލިސްޓެއް މިހާރު މެނޭޖްމަންޓަށް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ މެނޭޖްމަންޓުން ބޭނުންވާ ކުޅުންތެރިންތަކެއް ގެނައުމުގެ ބަދަލުގައި ކުޅުންތެރިން ހޮވަން ކޯޗަށް ބާރުދިނީ ނަތީޖާ ނުނެރެވުމުން އެންމެ ފުރަތަމަ އިނގިލިދިގުކުރެވޭ މީހަކީ ކޯޗުކަމަށްވާތީ ކަމަށެވެ. މިހެންވެ ކޯޗު ބޭނުންވާ ޓީމެއް ބޭއްވުމަކީ އެންމެ މުހިންމު ކަންތައް ކަމަށާއި ކޯޗު ބޭނުންވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

ނިއުގެ ކޯޗު އޮސްކާ ވަނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރެމިއާ ލީގު ޓީމަށް ކާމިޔާބުކޮށްދީ އޭއެފްސީ ކަޕަށް ނިއު ކޮލިފައިކޮށްދީފައެވެ. އޭނާ ބުނީ އަންނަ އަހަރަކީ ނިއު އޭޝިޔާގައި ފެންވަރު ސާބިތުކޮށްދޭން ޖެހޭ އަހަރު ކަމަށާއި މިހެންވެ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނިއުރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް އަދި 2013 ވަނަ އަަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.