ޚަބަރު

ހުކުރު މިސްކިތުގައި ތަރައްޤީކުރަނީ އޯޕަން ލައިބްރެރީއެއް


މާލޭގެ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އޯޕަން ލައިބްރެރީ އެއްކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދު ވިދާޅުވީ ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ތަރައްޤީކުރުމަށް ނިންމާފައިވަީ ކެފޭއެއް ނޫންކަމަށާއި ސްކޫލް ދަރިވަރުންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފޮތްކިޔާލަން ތިބެވޭނެ އޯޕަން ލައިބްރެރީއެއްކަމަށް. އެހެންނަމަވެސް އިތުރު ދިރާސާތަކެއް ކުރުމަށް އެ މަސައްކަތް މިވަގުތަށް މަޑުޖައްސާލާފައިވާކަމަށް ޙަސަން ވަޙީދު ވިދާޅުވިއެވެ.

ހުކުރު މިސްކިތުގައި އޮންނަ ޕާކްގައި ތަރައްޤީ ކުރުމަށް ޕްލޭންކޮށްފައިވަނީ ޒަމާނީ ފެންވަރަށްކަމަށާއި، އެ މަސައްކަތް ކުރާނީ އެ ސަރަހައްދުގެ ތާރީޚާ ތަރިކައަށް އެއްވެސް އުނިކަމެއް ނާންނާނެގޮތަށްކަަމަށްވެސް ޙަސަން ވަޙީދު ވިދާޅުވިއެވެ. އެނާ ވިދާޅުވީ ދެ ފަންގިފިލާއަށް ތަރައްޤީކުރާ މި ލައިބްރަރީގެ މަތީ ފަންގިފިލާ ޚާއްޞަކުރަނީ ކިޔަވާ ކުދިންނަށް ފޮތްކިޔަން ތިބޭއިރު، ލުއި ކެއުންތަކާއި ބުއިންތައް ލިބޭނެގޮތަށްކަމަށާއި، އެއީ ކެފޭއެއް ނުވަތަ ރެސްޓޯރަންޓެއް ނޫންކަމަށް. އަދި އެތަން ތަރައްޤީކުރަނީ ހެރިޓޭޖް ޑިޕާޓްމަންޓްގެ މަޝްވަރާއާއި އެކުކަމަށްވެސް ޙަސަން ވަޙީދު ވިދާޅުވިއެވެ.

"އެތަން ތަރައްޤީ ކުރަނީ ސްކޫލް ކުދިންނާ އޮފީސްތަކުގެ މުވައްޒަފުންގެ އިތުރުން ޢާންމުން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށްވެސް ހިތަފަސޭހަގޮތަށް. ވަރަށް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ނިންމާފައިވަނީ އެތަނުގެ އެއްވެސް ތާރީހީ އަދި ތަރިކައަށް ގެއްލުން ނުވާގޮތަށް. އެއްވެސް ގަހެއްވެސް ނުކަނޑާނެ. އޯޕަން ލައިބްރަރީއެއްގޮތަށް. ބަދިގެ އެއްވެސް އެތަނުގައި ނުހުންނާނެ. ނޫސް އަދި ފޮތް ކިޔާލަން މަޑުކޮށްލައިގެން ތިބޭއިރު، ރިފްރަޝްމަންޓް ލިބޭނެ ގޮތަށް." ޙަސަން ވަޙީދު ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ސްކޫލް ކުދިންނަށް ފޮތްކިޔަން ތިބެވޭ ޕާކް ތަކެއް ތަރައްޤީކުރުމަށް ނިންމަވާ ރައިސް ޔާމީން ޢިޢުލާން ކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.