ކުޅިވަރު

ލަންދޫއާއި އެއްވަރުވެ، އެއްވަނަ މިލަދޫއަށް


ސިޔާމް މައުރޫފް ސޮކަރ ކަޕްގައި މިއަދު ލަންދޫއާއި މިލަދޫ އެއްވަރުވުމުން ގްރޫޕްގެ އެއްވަަ މިލަދޫއަށް ލިބިއްޖެއެވެ.

ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައިވާ ދެޓީމްގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މެޗު އެއްވަރުވުމުން މިލަދޫއަށް ގްރޫޕްގެ އެއްވަނަ ލިބުނީ ޕޮއިންޓް އެއްވަރުވެ، ފައިދާ ގޯލްގެ ތަފާތުންނެވެ. ލަންދޫވެސް އަދި މިލަދޫވެސް ވަނީ މާފަރާއި، ކެނދިކުޅުދޫ ބަލިކޮށްފައެވެ. އެހެންކަމުން މިދެޓީމަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މުބާރާތުގައި ލަންދޫ ވާދަކުރަނީ ކުރީގެ ކުޅުންތެރިޔާ އަހުމަދު އިރުފާނުގެ އިރުޝާދުގެ ދަށުންނެވެ. އަދި މިލަދޫ ވާދަކުރަނީ އިބްރާހީމް ހަލީމް (ކުޑަ ޖަޑާ) ގެ ބެލުމުގެ ދަށުންނެވެ. 

މިލަދޫ ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހޭނީ ގްރޫޕް ދޭކާއި ތިނަކުން ތިންވަނައަށްދާ ދެޓީމްގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމަކާއެވެ. ލަންދޫ ކްއާޓަރގައި ވާދަކުރަން ޖެހޭނީ ގްރޫޕް ތިނެއްގެ ދެވަނަ ޓީމާއެވެ. ގްރޫޕް ތިނަކުން ދެވަނަ ހޯދުމުގެ ފުރުޞަތު އޮތީ ވެލިދޫ ނުވަތަ މާޅެންދޫއެވެ. 

މުބާރާތުގައި މާދަމާ ވާދަކުރާނީ ކެނދިކުޅުދޫއާއި މާފަރެވެ. މޮޅުވާ ޓީމަކަށް ގްރޫޕް އެކެއްގެ ތިންވަނަ ލިބޭނެއެވެ.