ޚަބަރު

އަދީބުގެ ބޭސްފަރުވާގެ މައްސަލަ ކޯޓުން ބަލައިގަނެފި


ބޮޑެތި ކުށްތަކުގައި 33 އަހަރުގެ ޖަލުޙުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބަށް ބޭސްފަރުވާ ނުލިބޭކަމަށް ބުނެ ހުށައެޅި މައްސަލަ ކޯޓުން ބަލައިގަނެފިކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.

އަޙްމަދު އަދީބަށް އެކަށީގެންވާ ބޭސްފަރުވާއެއް ނުދޭކަމަށް ބުނެ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި، އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދައިދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ. 

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭކަމަށް އެނާގެ ޤާނޫނީ ޓީމުން ބުނާ ވާހަކަތައް ކަރެކްޝަނަލް ސަރވިސް އިން ވަނީ ދޮގުކޮށްފައެވެ. ކަރެކްޝަނުން ބުނީ އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ހަފްތާއަކު އެތައް ފަހަރަކު މާލޭގެ ފަރުވާ ދެމުން އަންނަކަމަށާއި ޖަލު ޙުކުމް ތަންފީޛް ކުރަންޖެހޭ ފަރާތްތަކަށް ހަމަޖެހިފައި އޮންނަ އުސޫލުން އަދީބަށްވެސް ބޭސްވަރުވާ ދެމުން ގެންދާކަމަށެވެ.

އަދީބްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެފައިވާއިރު، މިމައްސަލަ ފުރަތަމަ ބަލާނީ އެކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުންނެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ ކޯޓުން ބޭރުގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެނަމައެވެ. 

އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުގެ ގިނައަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ސާބިތުވެފައިވާއިރު، ސަރުކާރުން ވަނީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލާފާނެކަމަށާއި، އޭނާއަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނީ އޭނާ ޚިޔާނާތްތެރިވި ފައިސާ އަނބުރާ ދެއްކުމުންކަމަށް ބުނެފައެވެ.

ޖަލުޙުކުމް ތަންފީޛުކުރަމުންދާ މީހުންނަށް މީހުންނަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ސީރިއަސް ސިއްޙީ މައްސަލަތައް ދިމާވާނަމަ، ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އެމީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ވަނީ 2 ފަހަރު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ. އަދި ރައީސް ނަޝީދާއި، ޤާސިމް އިބްރާހީމަށްވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދޭނެ އިންތިޒާމް ކަރެކްޝަނަލް ސަރވިސްއިން ވަނީ ހަމަޖައްސާފައެވެ.