ޚަބަރު

އުމްރާއަށް މީހުން ގެންދިއުމުގެ ފުރުޞަތު ހުޅުވާލައިފި


ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން މިމަހުގެ ދެވަނަދުވަހު ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

ދިވެހި ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ފަސްވަނަ މާއްދާގައިވާގޮތުން، އުމްރާއަށް މީހުން ގެންދިޔުމަށް އެދި ކުރިމަތިލާ ކުންފުނިތަކަކީ ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުންޏަށް ވާންޖެހެއެވެ. އަދި އެއްވެސް ކަހަލަ ޚިޔާނާތުގެ މައްސަލައެއް ނެތުމާއި އެފަދަ މައްސަލައެއް ޝަރްޢީ ކޯޓެއްގައި ހިނގަމުންދާ މީހެއް ކުންފުނީގެ ބޯޑުގައި ހިމެނިފައި ނުވުންވެސް ހިމެނެއެވެ.

މި މަހުގެ ދެވަނަ ދުވަހުންފެށިގެން އާއުސޫލަށް ޢަމަލުކުރަން ފަށާފައިވާއިރު، ތިން މަސްދުވަހުގެ ތެރޭގައި ކުރިން ޢުމްރާއަށް މީހުން ގެންދިޔުމަށް ދޫކޮށްފައިވާ ހުއްދަތައް ބާޠިލުވާނެއެވެ.

އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯޒަލްފޮތް އަންނަމަހުގެ ހަތްވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު އެމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެކަމަށެވެ. އަދި މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އަންނަ މަހުގެ ދިހަވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގެ މީޓިންގރޫމުގައި އޮންނާނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްތިރީސްވަނަ ދުވަހު، ޕްރޮޕޯޒަލް ހުށަހެޅި މީހުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ.

ދިވެހި ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގައިވާގޮތުން ކޮންމެ ކުންފުންޏަކަށްވެސް ހުށަހެޅޭނީ، ގިނަވެގެން އެއް ޕްރޮޕޯޒަލެވެ. އެއް ކުންފުންޏަކުން އެއް ޕްރޮޕޯޒަލަށްވުރެ ގިނަ ޕްރޮޕޯޒަލް ހުށަހަޅައިފިނަމަ، އެ ކުންފުންޏެއްގެ ހުރިހާ ޕްރޮޕޯޒަލެއް ބާޠިލްވާނެއެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނީ، މިނިސްޓްރީން ޢައްޔަންކުރާ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓްކޮށް ނިމުމުން، މާކްސް ދެވުނުގޮތް ހާމަކޮށް، ރަޖިސްޓަރީވެވުމަށްފަހު، ހޮވޭ ކުންފުނިތައް ޢިއުލާންކުރަންވާނެ ކަމަށްވެސް މި އުސޫލުގައިވެއެވެ.