ކުޅިވަރު

ނިއުރޭޑިއަންޓް ލީގުގެ އަށްޑަނަ އުފުލާލައިފި


މާޒިޔާ ބަލިކޮށް، ނިއުރޭޑިއަންޓް ލީގުގެ އަށްޑަނަ އުފުލާލައިފިއެވެ. 

ލީގު ކަށަވަރުވެފައިވަނިކޮށް ނިކުމެ، އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފަހު މެޗު ނިއުރޭޑިއަންޓް ކާމިޔާބުކުރީ މާޒިޔާއާ ވާދަކޮށް ދޭއް ސުމަކުންނެވެ. ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯއެވެ. ގަލޯޑޯ ލަނޑު ޖެހީ މުޙައްމަދު ރަޝީދު، ހޮކޭ ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީ ދަނޑީގަ ޖެހިފަ ނިކުއިން ވަގުތު ހުސްކޮށް ހުރެއެވެ. މިއީ ގަލާޑޯ  ނިއުއަށް ކުޅެދިން ފަހު މެޗެވެ. ދެވަނަ ހާފްގައި އޭނާ ބަދަލުކުރުމުން ނިއުގެ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ސަޕޯޓަރުން ގަލާޑޯއަށް ހޫނު ތަރުހީބެއް ދިނެވެ.

 މެޗުގެ ދެވަނަ ލަނޑު ޖެހީ މެޗު ފެށިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ އަޝްފާޤެވެ. އަޝްފާޤު ވަނީ ލަނޑަށްފަހު ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ލީގުގައި ނިއުރޭޑިއަންޓް ބަލިވީ ފުރަތަމަ ބުރުގައި މާޒިޔާ އަތުން އެކަންޏެވެ. ދެވަނަ ބުރުގައި ނިއު މާޒިޔާގެ މައްޗަށް ކުރި ހޯދީ ފުރަތަމަ ބުރުގައި ބަލިވި ނަތީޖާއިންނެވެ. މިއީ ނިއުރޭޑިއަންޓް ލީގު ހޯދި ހަވަނަ ފަހަރެވެ. މިކާމިޔާބީއާއެކު އެންމެ ގިނަ ފަހަރު ލީގު ހޯދުމުގެ ޝަރަފް އޮތީ ނިއުރޭޑިއަންޓް އަތުގައެވެ.

ލީގު ނިމުނުއިރު މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާއަށް ލިބުނީ ތިންވަނައެވެ. ދެވަނަ ހޯދީ ޓީސީއެވެ. ޓީސީއަކީ މިދިޔަ ދެ އަހަރުގެވެސް ދެވަނަ ޓީމެވެ. ހަތަރުވަނަ ޖާގަ ހޯދީ ތިނަދޫއެވެ. މާލޭލީގުގެ ދެވަނަ ގްރީން ސްޓްރީޓްސްއަށް ލިބުނީ ފަސްވަނައެވެ. ހަވަނަ ހޯދީ މިލަންދޫއެވެ. ހަތްވަނަ ޓީމަކީ މާޅޮސް ޓީމެވެ. ލީގުގެ ފުލަށް ދިޔައީ ކުޑަހުވަދޫއެވެ.