ޚަބަރު

ރައީސް ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރާ ބައްދަލުކުރެއްވުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ އައިވާއޯ ހޯރީ އާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ޖަޕާނުގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޝިންޒޯ އަބޭއަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ ހާސިލުކުރަމުންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމާ ތަރައްޤީއަށް ޖަޕާނުން ދެއްވާ އަހައްމިއްޔަތުކަމަށާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމާގުޅިގެން، ޖަޕާނުގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.

ދެ ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން، ދެ ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޖަޕާނުގެ ފަތުރުވެރިންގެ ހިއްސާ އިތުރުކުރުމާއެކު ޖަޕާނުގެ ވިޔަފާރިއާއި އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރުކުރުމާމެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދުނިޔެއިން ޓެރަރިޜަމް ނައްތާލުމަށް މަސައްކަތްކުރުމަށާއި، މަސްވެރިކަން ތަރައްޤީކުރުމުގެ ދާއިރާއިންނާއި، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ޚާއްޞަކޮށް ތިމާވެއްޓައް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ދާއިރާއިންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އުމްރާނީ ތަރައްޤީ ހާސިލްކުރެވޭނެ ދާއިރާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެއްޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ވަނީ އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ތަހުނިޔާއާ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނަށް ރާއްޖެ ވަޑައިގެންނެވުމަށް ފުރުޞަތު ލިބިވަޑައި ގެންނެވީތީ އެކަމާ ފަޚުރުވެރިވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ބައިލެޓްރަލް ހިޒް އެކްސެލަންސީ އަޙްމަދު ޚަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒްގެ އަރިހުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ކަޒޫމީ އެންޑޯއާއި، ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސައުތްވެސްޓް ޑިވިޝަންގެ ޑިރެކްޓަރ މިސްޓަރ ޔޮޝިޓަރކީ ޝޯގޯ އަދި އެގްޒެކެޓިވް އެސިސްޓެންޓް ޓު ދަ ޕާލަމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް އޮފް ޖަޕާން މިސް ޔުރިނަރ ނެމޯޓޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.