ކުޅިވަރު

ގްރީން ބަލިވެ، ތިނަދޫއަށް ޕްރެޒިޑެންޓް ކަޕުން ޖާގަ ލިބިއްޖެ


ޓީސީ އަތުން މޮޅު ނުވެވުމުން ގްރީން ސްޓްރީޓްސްއަށް ގަދަ ހަތަރެއްގެ ފުރުޞަތު ގެއްލި، ތިނަދޫއަށް ގަދަ ހަތަރެއް ޔަޤީންވެއްޖެއެވެ. 

މޮޅުވެގެން ގަދަ ހަތަރެއްގެ ޖާގަ ލިބެން އޮތް މެޗުގައި ޓީސީ އަތުން ގްރީން ސްޓްރީޓްސް މިއަދު ބަލިވީ ހަތަރެއް އެކަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގްރީން ސްޓްރީޓުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހަސަންއެވެ.

މެޗުގައި ޓީ.ސީއަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ތިރީސް ވަނަ މިނެޓުގައި ނަޝާޙް އަހުމަދުއެވެ. ދެވަނަ ހާފްގެ ހަތަރު ވަނަ މިނެޓުގައި ޓީސީއަށް ލީޑް ހޯދައިދިނީ ބިދޭސީ ކުޅުންތެރިޔާ ކޯނީއެވެ. ޓީސީގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން ނަޝާހުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

ޓީ.ސީގެ ހަތަރު ވަނަ ލަނޑު ލިބުނު ކޯނަރެއްގައި ކާމިޔާބުކޮށްދިނީ ޓީމުގެ އެންމެ ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިޔާ އަޖުފާންއެވެ.

މިމެޗުން ބަލިވުމުން ކްލަބް ގްރީން ސްޓްރީޓްސްއަށް ލީގު ނިންމާލަން ޖެހިފައިވަނީ ލީގުގެ ފަސް ވަނަ މަގާމުގައެވެ. 

މިނަތީޖާއާއެކު ލީގު ތާވަލްގެ ހަތަރުވަނަ މަޤާމާއެކު ޕްރެޒިޑެންޓްކަޕުން ޖާގަ ލިބުނީ ތިނަދޫއަށެވެ. ގްރީން ސްޓްރީޓްސްއަށް ދެން އޮންނާނީ އެފްއޭކަޕެވެ. ޓީސީއަކީ މިދިޔަ ދެ އަހަރާއި މިއަހަރުގެވެސް ލީގުގެ ދެވަނަ ޓީމެވެ.