ޚަބަރު

ރާއްޖެއާ ޖަޕާނުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި


ރާއްޖެއާއި ޖަޕާނާ ދެޤައުމުގެ މެދުގައި އިންވެސްޓްމަންޓްތައް އިތުރުކޮށް، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ ގޮތުން ޖަޕާނުގެ ޕާލިއަމެންޓަރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް، އިވާއޯ ހޮރީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމާ މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރިއަށް ގެންދެވީ މިހާރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެން އުޅުއްވާ ޖަޕާނުގެ ޕާލިމަންޓަރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް، އިވާއޯ ހޮރީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމާއެކު މިއަދު ދިވެހި ޚާރިޖިއްޔާގައި ބޭއްވި ބައްދަލުވުމެއްގައެވެ.



މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމް މިހާރަށް ވުރެ ފުޅާކޮށް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިންވެސްޓްމަންޓްތައް އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުން ބަދަހިކުރުމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިގޮތުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައާއި ހިއުމަން ސެކިއުރިޓީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑު ދަނޑިތައް ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ދެޤައުމަށް އެކުގައި މައްސަކަތް ކުރެވޭނެ ގޮތްތަކާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އާސިމް ވަނީ ޒަމާނުއްސުރެ ރާއްޖެއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާނުގެ ޕާލަމެންޓަރީ ވައިސް މިނިސްޓަރ އިވާރޯ ހޮރީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ ފަންސާސް އަހަރު ފާހަގަކުރުމުގެ ގޮތުން ބާޢްވާ ޚާއްސަ ރައްމިއްޔާތުގައި ބައިވެރިވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.