ކުޅިވަރު

ގްރީންގެ ބިދޭސީ ކުޅުންތެރިން ފޮނުވާލައިފި


ގްރީން ސްޓްރީޓްސްގެ ބިދޭސީ ކުޅުންތެރިން ފޮނުވާލަން ނިންމުމުން ބައެއް ކުޅުންތެރިން ފުރައިފިއެވެ.

އެ ޓީމުން މި ގޮތަށް ކަންތައް ކުރީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް މިއަދު ހަވީރު ޓީސީއާ ދެކޮޅަށް މުހިންމު މެޗެއް ކުޅެން ޖެހިފައިވަނިކޮށެވެ. ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގްރީން އަށް ލިބުނީ ކުޅުންތެރިން ފޮނުވާލަން ނިންމާފައިވަނިކޮށެވެ. އެއީ ލީގުގައި ރޭ މިލަންދޫ އަތުން ހަތަރުވަނާގައި އޮތް ތިނަދޫ ބަލިވުމުންނެވެ.

ގްރީންގައި ތިބި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ގޯލްކީޕަރު ކޮޗީ ފުރީ ރޭގެ ވަގުތެއްގައެވެ. އަދި މިޑްފީލްޑަރު ވިލިއަމް މަކޯ ފުރީ އިއްޔެރޭއެވެ. ކުރިން ނިއު އަށް ކުޅުނު މި ކުޅުންތެރިންގެ ތެރެއިން ކީޕަރު ކޮޗީ ބުނީ އަންނަ އަހަރު ވެސް ރާއްޖޭގައި ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، ބައެއް ކުލަބުތަކުން ފުރުސަތު ލިބިފައިވާ ކަމަށެވެ. ވިލިއަމް ވެސް ބުނީ ފުރުސަތު ލިބިއްޖެނަމަ އޭނާ ވެސް އަންނާނެ ކަމަށެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ކުލަބުން ވާހަކަ ދައްކަމުން ދަނީ ކީޕަރާ އެކަންޏެވެ. ދެން ތިބި ދެ ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރު ސޯބޯލް އިއްލިއާ އާއި ޑިފެންޑަރު ޕެޓްރޯވް ގެނައުމާމެދު ކުލަބުން އަދި ގޮތެއް ނުނިންމައެވެ.

ގްރީން ސްޓްރީޓްސް ވަނީ މާލޭ ލީގުގައި ދެ ވަނަ ހޯދައިފައެވެ. ނަމަވެސް ދިވެހި ޕްރެމިއާ ލީގުގައި އެ ޓީމު ފެނުނީ ވަރަށް ދަށްކޮށެވެ.