ސިއްހަތު

"ތިނަދޫ ހޮސްޕިޓަލަށް ތަރައްޤީ ގެނައީ ރައީސް ޔާމީންގެ ސަރުކާރުން"


ގދ. ތިނަދޫ ހޮސްޕިޓަލަށް މިސަރުކާރުން ގެނައި ތަރައްޤީއަކީ މީގެކުރިން އެއްވެސް ސަރުކާރަކުން ގެނެސްފައިނުވާ ވަރުގެ ތަރައްޤީއެއްކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ތިނަދޫގައި ބޭއްވި "ހެއްޔޯސާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫގެ ތަރައްޤީއަށް ރައީސް ޔާމީނުގެ ސަރުކާރުން ކޮށްދެއްވާފައިވާ ބައެއް ކަންތައްތަކުގެ ތަފާސް ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ތިބީ 12 ޑޮކްޓަރުން ކަމަށާއި އެހެން ނަމަވެސް މިހާރު އެ ހޮސްޕިޓަލުގައި 24 ޑޮކްޓަރުން އެބަތިބި ކަމަށެވެ. އަދި ނަރުހުންގެ އަދަދު ފަންސާސް ތިނަކުން ހަތްދިހަ ހަޔަކަށް އިތުރުވެފައިވާ ކަމަށާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ޖުމްލަ އަދަދު 173 އިން 200 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތިނަދޫ ހޮސްޕިޓަލަށް މިސަރުކާރުން ގެނެސްފައިވާ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގައި ޑަޔަލިސިސް ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތެލަސީމިއާއަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ކަރަންޓް ކެނޑޭ ހާލަތްތަކުގައި ބޭނުންކުރާނެ ބެކަޕް ޖަނަރޭޓަރެއް ބެހެއްޓުމަކީވެސް މިސަރުކާރުން ކުރި ކަންތައްތައް ކަމަށެވެ.

މި ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިދިކޮޅުގައި މިހާރު އެއް ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއް ނެތް ކަމަށާއި އަދި އެ ވިސްނުމުގައި މަސައްކަތްކުރާނެ ލީޑަރެއްވެސް އިދިކޮޅުގައި ނެތްކަމަށެވެ.