ކުޅިވަރު

މުސާރަ ބޮޑުކޮށް، ކޮންޓްރެކްޓް އާކުރަން މެސީ ނިންމައިފި


80 މިލިއަން ސައިނިން ބޯނަސްއަކާއެކު ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް ލަޔޮނަލް މެސީ އާކޮށް، 2021 ވަނަ އަހަރާ ހަމައަށް އެކުލަބުގައި ހުންނަން ނިންމައިފިއެވެ.

ކޮންޓްރެކްޓް އާކުރާ މަތިން މެސީ އަށް ދޭން ނިންމި 80 މިލިއަން ޔޫރޯ އަކީ ކުޅުންތެރިއަކު ސޮއިކުރާމަތިން މިހާތަނަށް ކުލަބަކުން ދިން އެންމެ މަތީ ބޯނަސްއެވެ. އަދި އާ ކޮންޓްރެކްޓާއެކު އޭނާ އަށް ހަފުތާއަކު ފަސް ލައްކަ ޕައުންޑް ލިބޭނެއެވެ.

އާޖެންޓީނާގެ ކެޕްޓަން އަދި ބާސެލޯނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ބުނީ އޭނާގެ އުއްމީދަކީ ބާސެލޯނާގައި ހުރެ ކެރިއަރު ނިންމާލުން ކަމަށެވެ. މެސީ މިހާތަނަށް ކުޅުނު ހަމައެކަނި ކުލަބަކީ ވެސް ބާސެލޯނާއެވެ.

އުމުރުން މިހާރު 30 އަހަރުގެ މެސީ ކޮންޓްރެކްޓް އާކުރީ ކުލަބާމެދު ހިތްހަމަނުޖެހިގެން މި ސީޒަނަށް ފަހު އެހެން ކުލަބަކަށް ހިނގައިދާނެ ކަމަށް މީޑިއާއިން އަޑު ފަތުރާފައިވަނިކޮށެވެ. މިހެންވެ ބާސެލޯނާގެ ރައީސް ޖޯސެފް މާރިއޯ ބާޓޮމެއު ބުނީ މެސީގެ ކޮންޓްރެކްޓް ކުރިން ވެސް އޮތީ އާކޮށްފައި ކަމަށާއި، ނަމަވެސް ރަސްމީކޮށް އިއުލާނުކުރުން ފަސް ކުރީ ކަމަށެވެ. އެއީ އޭނާ ވިއްކާ އަގު ބޮޑު ކުރުމަށް މެސީ އާއި ބާސެލޯނާ އެންމެ ފުރަތަމަ ހަދާފައިވާ ކޮންޓްރެކްޓަށް ބަދަލު ގެންނަން ޖެހުމުން ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ބުނީ ބާސެލޯނާގައި އޭނާ ވަރަށް ގިނަ ކާމިޔާބު ހޯދައިފި ކަމަށާއި، ކުރިމަގުގައި ގިނަ ކާމިޔާބީތަކެއް ހޯދަން އުއްމީދު ކުރާ ކަމަށެވެ.