ޚަބަރު

ގ.މަސްދޮށި, އިބްރާހީމް ރަޝީދު ޢަބްދުﷲ ނިޔާވެއްޖެ


ދައުލަތުގެ މީޑިއާއަށް މެދުކެނޑުމެއް ނެތި 32 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދިމަތުގައި ދެމިހުންނެވި ގ.މަސްދޮށި އިބްރާހީމް ރަޝީދު ޢަބްދުﷲ ނިޔާވެއްޖެއެވެ.

އިބްރާހީމް ރަޝީދު ނިޔާވީ، އިންދިރާނގާދީ މެމޯރިއަލް ހޮސްޕިޓަލްގައި ހިތުގެ ބައްޔަށް ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު ޢުމުރަކީ، 57 އަހަރެވެ.

ގ. މަސްދޮށި އަލްމަރުޙޫމް އިބްރާހީމް ރަޝީދު ނިޔާވުމާ ހަމައަށް ދައުލަތުގެ މީޑިއާގައި 32 އަހަރާއި 5 މަހާއި 16 ދުވަހު ވަނީ ޚިދުމަތް ކުރައްވާފައެވެ. އޭނާ ފަރުވާއަށްޓައި މީގެ ތިންދުވަސްކުރިން އައިޖީއެމްއެޗްގައި އެޑްމިޓްކުރުމާ ހަމައަށް އޮފީހަށް ޙާޟިރުވެ މަސައްކަތްކުރައްވަމުން ގެންދަވާފައިވެއެވެ.

މަރުޙޫމް އިބްރާހީމް ރަޝީދު ދައުލަތުގެ މީޑިއާއާ ގުޅިލައްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ރިޕޯޓަރެއްގެ ގޮތުގައި 9 ޖޫން 1986ވަނަ އަހަރުއެވެ. އޭގެފަހުން 1990 ން 2011 އަށް ވަނީ ނިއުސްރޫމްގެ ސަބްއެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި 2011 ން 2017 އަށް ވަނީ ސީނިއަރ އެޑިޓަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައެވެ. ނިޔާވިއިރު އިބްރާހީމް ރަޝީދް ގެންދެވީ އެސިންޓެންޓް މެނޭޖަރެއްގެ މަޤާމް ފުރުއްވަމުންނެވެ. ދިވެހިރާއްޖޭގެ އަޑުގެ ނިވްސްރޫމާއި ޓީވީ މޯލްޑިވްސްގެ ނިވްސްރޫމް، 2011 ވަނަ އަހަރު އެއްކޮށްލައި، އެއް ނިވްސްރޫމެއްގެ ގޮތުގައި ހންގަން ފެށުމާ ހަމައަށް އިބްރާހީމް ރަޝީދު މަސައްކަތްކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ޚަބަރާބެހޭ ކަންކަމުގައެވެ.



އިބްރާހީމް ރަޝީދުގެ ޚިދުމަތުގެ 32 އަހަރުގެ ތެރެއިން 31 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ ޚަބަރުހެދުމާއި، ޚަބަރު އެޑިޓްކުރުމާއި ރޭޑިއޯ ޚަބަރު ކިޔުމާއި ޕްރޮގްރާމްހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރެއްވުމުގައެވެ. 2012 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުގެ 50 އަހަރު ފުރުނު ރަންޔޫބީލް ފާހަގަކުރިއިރު، އެ މުނާސަބަތުގައި އިބްރާހީމް ރަޝީދަށް، ވަނީ އެހާތަނަށް ދިވެހިރާއްޖޭގެ އަޑަށް 25 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވި ހަނދާނީ ފިލާ ލިބިލައްވާފައެވެ.

img:http://s1.psmnews.mv/images/660x400/15116026777482.jpg|

އިބްރާހީމް ރަޝީދު ފާހަގަކުރެވިފައިވަނީ ސިޔާސީ ހަލަބޮލިކަމާއި ޚިޔާލު ތަފާތުވުންތަކުން އެއްކިބާވެލައްވައި އެޑިޓޯރިއަލް އުޞޫލްތަކާއި ޤަވާޢުދުތަކާއި މަސައްކަތުގެ އަޚްލާޤަށް އިސްކަންދެއްވައިގެން މަސައްކަތްކުރެއްވި އިޚްލާޞްތެރި މުވައްޒަފެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ވިޔަފާރީގެ މަސައްކަތްތައް ކުރެއްވުމުގެ ތެރެއިން ފޯރުންތެރިކަން ލިބިލެއްވިނަމަވެސް، އޭނާ ދައުލަތުގެ މީޑިއާގައި މަސައްކަތްކުރެއްވީ އެކަމަށް ހުރި ޝައުޤުވެރިކަމާއި ޤައުމަށް ޚިދުމަތްކުރެއްވުމުގެ ރޫޙްގެ ސަބަބުންކަން ފާހަގަކުރެވެއެވެ. އިބްރާހީމް ރަޝީދާއެކު މަސައްކަތްކުރެއްވި މުވައްޒަފުން ފާހަގަކުރާގޮތުގައި އޭނާއަކީ، އެކުވެރި، ދީލަތި، ހިތްހެޔޮ އަދި އެކުގައި މަސައްކަތްކުރަން ފަސޭހަ ބޭފުޅެއްގެ ގޮތުގައެވެ.

އިބްރާހީމް ރަޝީދު ފާހަގަކުރެވިފައިވަނީ ހެޔޮ ޙާލުގައި ހުންނެވިއިރު އެންމެ ފަހު ވަގުތާ ހަމައަށްވެސް ނިއުސްރޫމާއި، ކުންފުނިން ޙަވާލްކުރި ކޮންމެ މަސައްކަތެއްވެސް އޭނާގެ ޤާބިލްކަން ހުރި މިންވަރުން ކޮށްދެއްވި ޚިދުމަތްތެރި މުވައްޒަފެއްގެ ގޮތުގައެވެ. 

އިބްރާހީމް ރަޝީދުގެ ކަށުނަމާދުކުރުން މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.