ޚަބަރު

ޕާސްޕޯޓް މުއްދަތަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި


ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތަތަކުން ޕާސްޕޯޓުގެ މުއްދަތަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މިދުވަސް ވަރަކީ ޗުއްޓީ ދުވަސްވަރަަށް ވެފައި ބައެއް ފަރާތްތަކުން ފުރަންދާއިރު ޕާސްޕޯޓް މުއްދަތު ހަމަވުމުގެ މައްސަލަ ފާހަގަކުރެވޭކަމަށެވެ. 

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް ވަރަށް ގިނައިން ދިމާވާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތުގައި އެންމެ މަދުވެގެން 6 މަސްދުވަސް އޮންނަންޖެހޭ ކަމަށެވެ. ނަމަވެސް ގިނަ ފަރާތްތަކަށް ފާސްޕޯޓުގެ މުއްދަތު ހަމަވާކަން އެނގެނީ ފުރަން އެއަރޕޯޓަށް ދާފަހުންކަމަށެވެ.



"އެއަރޕޯޓަށް ވަޑައިގަންނަފަހުން މި އެނގެނީ ޕާސްޕޯޓުގެ މުއްދަތެއް ނެތަކަން އެކަށީގެންވާވަރަކަށް. 6 މަސްދުވަސް އޮންނަންޖެހޭ ޕާސްޕޯޓުގަ ރާއްޖެއިން ބޭރަށް ފުރަންޏާ. އަޅުގަނޑުމެން އަދި ރާއްޖެއިން ބޭރަށް ފުރަން ހުއްދަދިން ނަމަވެސް ބޭރު ޤައުމުތަކުން އެ ބަލައެއް ނުގަންނާނެ" އަންވަރު ވިދާޅުވިއެވެ.

ބަންދު ދުވަސްތަކާއި ދިމާކޮށް އިމިގްރޭޝަނުން އަންނަނީ ޕާސްޕޯޓުގެ މުއްދަތު ބެލުމަށްފަހު ނޫނީ ރާއްޖެއިން ބޭރަށް ދަތުރުނުކުރުމަށް އިލްތިމާސްކުރަމުންނެވެ. އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް ޕާސްޕޯޓް އާކުރުމަށް ފަސޭހަ ގޮތްތަކެއް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އުމުރުން ދުވަސްމީހުންނަށް ގޭގައި ތިބެގެން ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު އެމަޖެންސީގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމްވެސް ހަމަޖައްސާފަވެއެވެ. އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް އެކަން ހަނދާން ކޮށްދިނުމުގެ ގޮތުން ކުރިއަށްއޮތްތަނުގައި އެ އިދާރާއިން އެފަދަ މީހުންނަށް މެސެޖްވެސް ކުރަމުންދާނެކަމަށެވެ.