ކުޅިވަރު

މެސީއާ ރަންބޫޓް ހަވާލުކޮށްފި


ޔޫރަޕުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓު ބާސެލޯނާގެ ލަޔޮނަލް މެސީ ހަތަރު ފަހަރަށް ހޯދައިފިއެވެ.

މިދިޔަ ސީޒަނުގައި ޖެހި 37 ގޯލާއެކު މެސީ ރަންބޫޓު ހޯދުމުން ވާދަވެރި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯއާ ދެ ކުޅުންތެރިން ވަނީ ހަމަހަމަވެފައެވެ. މިދެ ކުޅުންތެރިން ވެސް މިހާތަނަށް ރަންބޫޓު ހޯދާފައިވަނީ ހަތަރު ފަހަރުއެވެ.

ބާސެލޯނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަންބޫޓު މެސީއާ ހަވާލުކޮށްދިނީ މިދިޔަ ސީޒަން ނޫން ކުރީ ސީޒަނުގައި ރަންބޫޓު ހޯދި ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒްއެވެ.

މެސީ ބުނީ އޭނާ އަށް ލިބޭ އިނާމްތަކަކީ މުޅި ޓީމުގެ މަސައްކަތުން ލިބޭ އެއްޗެއް ކަމަށާއި، މިހެންވެ ހުރިހާ ޝުކުރެއް އޮތީ ބާސެލޯނާގެ ކުޅުންތެރިންނަށް ކަމަށެވެ. އޭނާ ބުނީ ކޮންމެ ދުވަހަކު ވެސް ފުޓްބޯޅައިގެ އާކަންތައްތައް ދަސްކޮށް އެހެން މީހުންނަށް އުނގަންނައިދޭން އޭނާ މަސައްކަތް ކުރާ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގައި އޭނާ އަކީ އެންމެ ޓޮޕް ފޯވަޑެއްނޫން ކަމަށާއި، ނަމަވެސް ކުރިއަށް ކުޅެމުން ގިނަ ގޯލުތަކެއް ޖެހޭ ގޮތްވަނީ ކުރާ ބުރަ މަސައްކަތާއި ނަސީބު ވެސް ރަނގަޅުވުމުން ކަމަށެވެ.