ތަރައްްޤީ

"ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ 105 ފްލެޓެއް ވިއްކާލަނީ"


އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އަރައްބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލުމަށް ހައުސިންގ ޑިވެލޮޕްމަންޓުން ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ނިންމައިފިއެވެ. 

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯރމް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 4 ވަނަ ދުވަހު ހުޅުވާލާނެކަމަށާއި، މިއިން ކޮންމެ ފްލެޓެއްވެސް ވިއްކާލުމަށް ހަމަޖެހިފައިވަނީ 2 މިލިއަން ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ އަރައްބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ވިއްކާލުމަށް ހަމަޖެހިފައިވަނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތްކޮށްފައިވާ 30 ފްލެޓަކާއި، ގާކޮށީގައި އިމާރާތްކޮށްފައިވާ 75 ފްލެޓެވެ. މިއިން ކޮންމެ ފްލެޓެއްވެސް ވިއްކާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ނިންމާފައިވަނީ 2 މިލިއަން ރުފިޔާއެވެ. 

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯރމް ހުށައެޅުމުގެ ފުރުޞަތު 4 ޑިސެމްބަރު 2017 ވާ  ހޯމަދުވަހުގެ ހެނދުނު 9 ން މެންދުރު 2 އަކަށް ހުޅުވާލާއިރު، ފްލެޓް އިޙްތިޔާރުކުރުމުގެ ފުރުޞަތު ދޭނީ "ފަސްޓް ކަމް ފަސްޓް ސާރވް"ގެ އުސޫލުން ފޯމް ހުށައަޅަން އެންމެ ފުރަތަމަ އަންނަ 105 ފަރާތަކަށްކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި ފޯރމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން، ފްލެޓަށް ހޮވޭ ފަރާތްތަކުގެ އިތުރަށް ވެއިންޓިންގ ލިސްޓެއް ނުނަގާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ފްލެޓްތަކަށް އެދި ހުށައަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަމުގައިވުން، އުމުރުން 21 އަހަރު ފުރި، ކައިވެނިކޮށްގެން އުޅޭ މީހެއްކަމުގައިވުން، ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނުވަތަ ބިމެއް ގަނެފައި ނެތުން ހިމެނެއެވެ. ހަމައެހެންމެ، ފޯރމްހުށައަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހުޅުމާލެ، މާލެ އަދި ވިލިމާލޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނުވަތަ ބިމެއް ގަނެފައި ނެތުން، 21 އަހަރު ނުފުރޭ މަދުވެގެން 1 ކުއްޖަކު ހުރުން ހިމެނެއެވެ. އެކަނިވެރި މައިން ނުވަތަ ބަފައިންނަށްވެސް ފްލެޓްގަތުމަށް އެދި ފޯރމް ހުށައެޅޭނެކަމަށާއި، ކޮންމެ ފަރާތަކަށްވެސް ގަންނަން އެދި ހުށަހެޅޭނީ އެންމެ ފްލެޓެއްކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

މި 105 ފްލެޓް ގަތުމަށް ފޯރމްދޫކުރުމަށް ނިންމާފައިވަނީ 1 ލައްކަ ރުފިޔާގެ ބޭންކް ގްރެންޓީއެއް ގެންނަ ފަރާތްތަކަށެވެ. އަދި ބޭންކް ގެރެންޓީގެ މުއްދަތަކީ ފޯރމް ހުށައަޅާ ތާރީޚުން ފެށިގެން 120 ދުވަސްކަމަށާއި، ފޯރމް ދޫކުރާނީ ބޭންކް ގެރެންޓީގެ ވެރިފަރާތަށް ކަމަށްވެސް އެޗް.ޑީ.ސީން ހާމަކުރެއެވެ. ހަމައެހެންމެ ބޭންކް މެދުވެރިކޮށް ފައިސާ ދައްކަވާ ފަރާތްތައް ފައިނޭންޝަލް ސްކްރީނިންގ ހެދުމަށް ބޭންކްތަކަށް ހުށަހެޅޭނެ އެންމެ ފަހު ތާރީޚުކަމަށްވާ 12 ޑިސެމްބަރު 2017 ވާ އަންގާރު ދުވަހުގެ 13:00ގެ ކުރިން ފައިނޭންޝަލް ސްކްރީނިންގއަށް އެދި އެފަރާތަކުން އިޙްތިޔާރުކުރާ ބޭންކަކަށް އެދި ހުށައަޅާންވާނެކަމަށްވެސް އެޗް.ޑީ.ސީން މައުލޫމާތުދެއެވެ. 

މި ފްލެޓްތައް ގަތުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯރމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 7 ޖެނުރައީ 2018 ވާ އާދިއްތަ ދުވަހުއެވެ. މި ފްލެޓްތަކަށް އެދި ހުށައަޅާ ތަރުތީބުން އެ ފަރާތުގެ ހާޟިރުގައި ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން، އެފަރާތަކުން ބޭނުންވާ ފްލެޓެއް އިޙްތިޔާރުކުރުމުގެ ފުރުޞަތު ދިނުމަށް އެޗް.ޑީ.ސީން ވަނީ ނިންމާފައެވެ. ފްލެޓްގެ އަގު އެއްފަހަރާ ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ފޯރމް ހުށަހަޅާ ދުވަހު 2 މިލިއަން ރުފިޔާގެ ބޭންކް ގެރެންޓީ ޗެކެއް ހުށައަޅަންޖެހޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި ބޭންކް މެދުވެރިކޮށް ފްލެޓް ގަންނަ ފަރާތެއްނަމަ، ލޯން ހަމަޖެހުނުކަމުގެ ލިޔުން ހުށަހެޅުމަށް އެޗް.ޑީ.ސީއިން ދީފައިވާ އެންމެ ފަހު ތާރީޙަކީ 30 ޖެނުއަރީ 2018 ވާ އަންގާރަ ދުވަހެވެ.