ޚަބަރު

ޓީވީއެމްގެ އަހަރީ ދުވަހާއި ދިމާކޮށް ދިވެހި ކާޓޫންތަކެއް ނެރެނީ


ޓީ.ވީ.އެމްގެ 40 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކުޑަކުދިންނަށް ޙާއްސަ ދިވެހި ކާޓޫންތަކެއް އުފެއްދުމަށް ނިންމާ، އެކަން ޕަބްލިކް ސަރވިސް މީޑިއާއިން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. 

ކުޑަކުދިންގެ ވާހަކަ ކިޔުމުގެ މުބާރާތް "އެއްސަހަރެއްގާ"ގެ ނަތިޖާ ފާޅުކުރުމަށް މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ކާޓޫންތަކުގެ ސޮފްޓް ލޯންޗިންގ ކޮށްދެއްވާފައިވަނީ ޕީ.އެސް.އެމްގެ ބޯޑު ޑިރެކްޓަރ މުޙައްމަދު ޝާގިލެވެ. 

މި ކާޓޫންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ "ތަރިކަ" މަޝްރޫޢުގެ ދަށުން ރާއްޖޭގެ މުއްސަނދި ތާރީޙާއި ސަޤާފަތް އަދި އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކާ ޕީ.އެސް.އެމުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ޓީ.ވީ.އެމްގެ 39 ވަނަ އަހަރީ ދުވަހުން ފެށިގެން ހަވީރު ގަޑީގައި ދައްކާ އިނގިރޭސި ކާޓޫންތައް ދެއްކުން މިހާރު ހުއްޓާލާފައިވާއިރު، އޭގެ ބަދަލުގައި ޤައުމީ ބަތަލުންނާއި، އިސްލާމީ ޤައުމުތަކުގެ ބޮޑެތި އިލްމީ ބޭފުޅުންނާއި ގުޅޭ މަޢުލޫމާތުތައް ލިބޭނެފަދަ ރާއްޖޭގެ މުޖުތަމަޢުއަށް ފެތޭ ދިވެހި ކާޓޫންތަކެއް އުފެއްދުމުގެ މަސައްކަތް ޕީ.އެސް.އެމުން ކުރަމުންދާކަމަށް އިކްރާމް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "އެއްސަހަރެއްގާ" އަދި "އެބައުޅޭ އެބައުޅޭ" ފަދަ ޕްރޮގްރާމްތަކުގައި ކުޑަކުދިން ހުށައަޅާދީފައިވާ ވާހަކަތަކަށް ބިނާކޮށް ކުރު ދިވެހި ކާޓޫންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޓީ.ވީ.އެމްގެ 40 ވަނަ އަހަރީދުވަހުން ފެށިގެން މި ކާޓޫންތައް ދެއްކުމަށް ހަމަޖެހިފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، އިސްލާމްދީނާއި މުސްލިމުންގެ ތާރީޙު ދައްކުވައިދޭ ފަދަ ކާޓޫންތައްވެސް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމުން މަސައްކަތް ކުރަމުންދާކަމަށެވެ.