ޚަބަރު

10 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި


ނޮވެމްބަރުމަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކެތީގެ ވިޔަފާރި ކުރަމުންދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. އެގޮތުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމަށްފަހު އޭނާ އުޅެމުންދިޔަ ތަން ބަލާފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެއެވެ. އެއަށްފަހު މިކަމާ ގުޅުންހުރި ކަމަށް ޝައްކު ކުރެވޭ 32 އަހަރުގެ ބިދޭސީއަކުވެސް އޮޕަރޭޝަންގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ. ތަން ބަލާފާސްކުރިއިރު މަސްތުވާތަކެތި އަޅާފައިހުރި 76 ޕެކެޓް ފެނިފައިވެއެވެ. އެކި ބާވަތުގެ މަސްތުވާތެކެތި ފެނިފައިވާއިރު މިތަކެތީގެ މަގު މަތީ އަގު 10 މިލިއަން ފަސްދޮޅަސް ހާސް ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސުޕްރީޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ. 



"އޮޕަރޭޝަންގެ ތެރެއިން ހޯދުނު މަސްތުވާތަކެތީގެ ތެރޭގައި، 5 ކިލޯ 200 ގްރާމްގެ  ހޭޝް އޮއިލް ހިމެނޭ.  ހެރޮއިން އަދި ބްރައުން ސުގަރގެ ބައި ކިލޯ ތިން ގްރާމް ހިމެނޭއިރު، 2 ކިލޯ 81 ގްރާމް ކްރިސްޓަލް މެތް ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެވުނު" ސުޕްރީޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވިއެވެ.



މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގައި ދަށުގައި ތިބި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްަމަންޓް ގުޅިގެން މި މައްސަލަ ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.