ޓުއަރިޒަމް

އެމްއައިޓީޑީސީން ކާށިދޫގައި ގެސްޓްހައުސް މަޝްރޫޢުއެއް ފަށަނީ!


މޯލްޑިވްސް ޓޫރިޒަމް އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީން) ކ.ކާށިދޫގައި ގެސްޓްހައުސް މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙަންމަދު ޝާހިދު ވިދާޅުވީ، ކާށިދޫގައި ގެސްޓްހައުސް މަޝްރޫޢުގެ ކުރިއަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާކަމަށެވެ.

ކާށިދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 10 ގެސްޓްހައުސްއެވެ.

އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙަންމަދު ޝާހިދު ވިދާޅުވީ، ކާށިދޫގައި އެޅުމަށް ހަމަޖެހިފައިވާ 10 ގެސްޓްހައުސްގައި 25 ކޮޓަރިއާއެކު ޖުމްލަ 250 އެނދު ހުންނާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/15114279593091.jpg|އެމްއައިޓީޑީސީން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

" ގެސްޓްހައުސް މަޝްރޫޢު ހިންގާނޭ ސަރަހައްދާއި ބިމުގެ ބޮޑުމިން ވަރަށް އަވަހަށް ޙިއްސާކުރާނަން. ޓާގެޓް ކުރަނީ ކުރިއަށްއޮތް 6 ނުވަތަ 8 މަސްދުވަހުގެ ތެރޭގައި ކަރުދާހުގެ މަސައްކަތްތައް ނިންމާލައި، އަންނަ އަހަރުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް. މަޝްރޫޢުއުގެ އަގަކީ ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު. އެއަށްވުރެ ކުޑަ ކުރެވޭތޯ މި ބަލަނީ. މި މަޝްރޫޢު ކުރިއަށްގެންދާނީ އެމްއައިޓީޑީސީން ފަނޑު ހޯދައިގެން" އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙަންމަދު ޝާހިދު ވިދާޅުވި އެވެ.

މި މަޝްރޫޢުގެ ދަށުން ގެސްޓްހައުސްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ތަރައްޤީކުރުމަށް ވަނީ ނިންމާފަ. މީގެ ތެރޭގައި ރެސްޓޯރެންޓް، ޑައިވް ސެންޓަރު، ވޯޓަރ ސްޕޯޓްސް އަދި ސްޕާ ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން ލިރާރު ވިދާޅުވީ، އެމްއައިޓީޑީސީން ކާމިޔާބުކަމާއިއެކު ގެސްޓްހައުސް އައިލެންޑެއްގެ ގޮތުގައި ލ އަތޮޅު ބަރެސްދޫ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ. މިއީ ކާށިދޫގައި ގެސްޓްހައުސް ތަރައްޤީކުރުމުގެ މި މަޝްރޫޢު އެމްއައިޓީޑީސީއާ ހަވާލުކުރުމުގެ މައިގަނޑު ސަބަބުކަމަށް ލިރާރު ވިދާޅުވިއެވެ.

އެމްއައިޓީޑީސީން ގެންދަނީ ލ އަތޮޅު ބަރެސްދޫގައި 3000 އެނދުގެ އިންޓަރގްރޭޓެޑް ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ބަރެސްދޫގައި 50 ގެސްޓްހައުސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެމްއައިޓީޑީސީން ވަނީ ބަރެސްދޫގައި ގެސްޓްހައުސް ވިޔަފާރި ހިންގުމަށް ބޭނުންވާ އިންވެސްޓަރުންނަށް އެފުރުޞަތުވެސް ހުޅުވާލާފައެވެ.