ޚަބަރު

އެޗްއެސްބީސީގެ ބޭނުން ނުކުރާ އެކައުންޓްތައް ބަންދުކުރަނީ


އެޗް.އެސް.ބީ.ސީ ބޭންކުގައި ހުރި ބޭނުންނުކުރާ އެކައުންޓުތަކުގެ ވެރި ފަރާތްތަކުން އެ އެކައުންޓްތަކުގައި ހުރި ފައިސާ އާ ކުރިއަށް އޮތް ދެމަސްތެރޭ ހަވާލުވުމަށް އެ ކުންފުނިން އަންގައިފިއެވެ. 

ދިވެހިރާއްޖޭގެ ބޭންކިންގ އާއިބެހޭ ޤާނޫނުގައި ބުނާގޮތުން ބޭނުންނުކުރާ ނުވަތަ ޑޯމަންޓް އެކައުންޓްތަކުގެ ގޮތުގައި ބަލަނީ އެކައުންޓުން ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކުރާތާ ފަސްއަހަރުވެފައިވާ އެކައުންޓްތަކާއި، އެކައުންޓާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ރަސްމީ ލިޔުމަކުން އެކައުންޓްގެ ވެރިފަރާތުން ބޭންކަށް އަންގާފައިނުވާތާ ފަސް އަހަރު ވެފައިވާ އެކައުންޓްތަކެވެ.

ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި އެކައުންޓުގެ އެއްވެސް މުޢާމަލާތެއް ހިނގާފައިނުވާތީ ބޭނުން ނުކުރާ އެކައުންޓްގެ ގޮތުގައި ހިމެނޭ 98 ފަރާތެއްގެ ނަން އެޗް.އެސް.ބީ.ސީއިން ވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ. އެޗް.އެސް.ބީ.ސީއިން މަޢުލޫމާތުދޭ ގޮތުގައި ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެކައުންޓުގައި ހުރި ފައިސާއާއި ވެރިފަރާތްތަކުން ހަވާލުނުވާނަމަ ދިވެހިރާއްޖޭގެ ބޭންކިންގއާއި ބެހޭ ޤާނޫނުގެ ދަށުން އެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.

އެޗް.އެސް.ބީ.ސީން ބުނީ އެކައުންޓްކުގެ ވެރިފަރާތްތަކުން ބޭންކަށް ދީފައިވާ އެޑްރެސްތަކަށް އެފަރާތެއްގެ އެކައުންޓްތަކުގައި ހުރި ފައިސާއާއި ގުޅޭ ތަފްސީލްތައް ފޮނުވާފައިވާކަމަށެވެ.