ޚަބަރު

ކޮމްޕިއުޓަރ ޕްރޮގްރާމިންގ ދަސްކުރުމުގެ ފުރުސަތު ހުޅުވާލައިފި


ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ދާއިރާއިން 1000 މީހުން ތަމްރީންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮމްޕިއުޓަރ ޕްރޮގްރާމިންގގެ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހެކެވެ. ޓިވެޓް އޮތޯރިޓީއިން ބުނީ ޒުވާނުންނަށް ޢަމާޒުކޮށްގެން ކޯހަށް ފުރުސަތު ހުޅުވާލި ނަމަވެސް ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ކޯހުގައި ބައިވެރިވެވޭނެ ކަމަށެވެ. ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ސްކޫލް އިމްތިހާނުން މަދުވެގެން ތިން ސީ ފާސް އޮތުން ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ހިމެނެއެވެ.

މިމަހުގެ 27ވަނަ ދުވަހާއި ހަމައަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ގިނަ ބައެއްގެ ތަރުހީބު ކޯހަށް ލިބެމުން އަންނަކަމަށް ޓިވެޓް އޮޓޯރިޓީއިން ބުނެއެވެ. އެގޮތުން މިހާރުވެސް ތިން ބެޗް ކުރިއަށް ގެންދާ ވަރަށް ފޯމް ހުށަހަޅާ ފައިވާކަމަށް މަޢުލޫމާތުދެއެވެ. ޓިވެޓް އޮތޯރިޓީއިން ބުނީ މިފަދަ ކޯސްތަކާބެހޭ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމްޕިޓަރ ޕްރޮގްރާމިން ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދުތެރޭގައެވެ.