ޚަބަރު

މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ފަށައިފި


ސަތޭކައަށް ވުރެގިނަ ބައިވެރިންނާއިއެކު މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ފަށައިފިއެވެ.  

ބަނޑޮސް މޯލްޑިވްސްގަ ކުރިއަށްދާ މި ކޮންފަރެންސަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވާ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް މަޓާޓޯއިން އިންތިޒާމްކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް މިއަހަރު ކުރިއަށްދަނީ މަޝްހޫރު ޓްރެވަލް ބުކިންގ ވެބްސައިޓް 'ޓްރިޕް އެޑްވައިޒަރ' އާއި ގުޅިގެނެވެ.

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ކޮންފަރެންސްގައި 'ޓްރިޕް އެޑްވައިޒަރ'ގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ.

ޓްރެވަލް ކޮންފަރެންސްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަޓާޓޯގެ ރައީސް އަބްދުއްﷲ ޤިޔާސް ވިދާޅުވީ މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ މިދާއިރާގައި ހިމެނޭ ޑިޖިޓަލް އަދި ޓްރެންޑިން ނުވަތަ ކުރިއަރަމުން އަންނަ ކަންތައްތަކާބެހޭ ގޮތުންކަމަށެވެ.

މިއަހަރުގެ ޓްރެވަލް ކޮންފަރެންސްގެ ކީ-ނޯޓު ސްޕީކަރުންގެ ތެރޭގައި އީ-ޓޫރިޒަމް ފްރަންޓިއަރސްގެ ސީއީއޯ ޑެމިއަން ކުކް އާއި ޓްރިޕް އެޑްވައިޒަރގެ ޑެސްޓިނޭޝަން މާރކެޓިންގ ހެޑް ސާރާ މެތިއުއާއި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ޑިރެކްޓަރ ހެލޮނާ ޕަޑިއާޗީ އާއި ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރ ޑރ. ޢަބްދުއްﷲ މައުސޫމް ހިމެނެއެވެ.

މިކޮންފަރެންސަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ދާއިރާއާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންދިއުމަށް ބާއްވާ ކޮންފަރެންސެއްކަމަށް މަޓާޓޯއިން މަޢުލޫމާތުދެއެވެ.