ޚަބަރު

ޚާއްޞަ ޝަރުތު ތަކަކާއެކު ބައެއް ޤައިދީންނަށް އިތުރު ފުރުޞަތެއް


މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެކަމަށް ޝަރުތުހަމަވާ ޤައިދީންނަށް ޚާއްޞަ ފުރުޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

މިގޮތުން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ފުރުޞަތު ދޭން ނިންމަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއިން ޤައިދީންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްޞަ ޝަރުތުތަކަކާއިއެކުގައެވެ.

ޚާއްޞަ ފުރުޞަތުގެ ދަށުން ޤައިދީން މުޖުތަމަޢަށް ދޫކޮށްލާނީ ކަނޑައެޅިފައިވާ ދެ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހު ތިން ވަނަ މަރުޙަލާގަ އެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ގޭ ބަންދުގައި1 މަސް ދުވަސް ހޭދަކުރަންޖެހޭއިރު ދެވަނަ މަރުޙަލާގައި ރަށު ބަންދުގައި2 މަސް ދުވަސް ހޭދަ ކުރަންޖެހޭނެއެވެ. އަދި ތިންވަނަ މަރުޙަލާގައި ޕާސްޕޯޓް ދޫކުރުމަށް  ނިންމާފައިވީނަމަވެސް 5 އަހަރު މޮނިޓަރކުރާނެއެވެ. މީގެ ތެރެއިން ފުރަތަމަ ދެ މަރުޙަލާގެ ތެރޭގައި ވަޒީފާއެއް ލިބިއްޖެނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލެމުގެ ދަށުން ވަޒީފާއަށް ނުކުތުމުގެ ފުރުޞަތު ކޮންމެ ޤައިދީއަކަށް ވެސް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޤައިދީން މުޖުތަމަޢަށް ދޫކޮށްލުމުގައި ކޮމިޓީއިން ބަލާފައިވަނީ މައިގަނޑު ތިން ކަމަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ ޤައިދީއެއްގެވެސް ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރާއި ކޮންމެ ޤައިދީއެއްގެވެސް މިހާރުގެ ޙާލަތުގެ އިތުރުން ޖަލުގައި ހޭދަކުރި މުއްދަތުގައި ޢަމަލުތައް ބަހައްޓާފައިވާ ގޮތަށެވެ. 

ޤައިދީންނަށް އިޞްލާޙީ ޚާއްޞަ ފުރުޞަތުދޭން ނިންމާފައިވަނީ ކަނޑައެޅިފައިވާ ކަންކަމަށް އަރައިނުގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ އެކު އެއްބަސްވެ އިޤްރާރުވުމަށްފަހުއެވެ. އޭގެ ތެރޭގައި ހިމަނާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުމާއި ދެ މަސް ދުވަހަށް ރަށު ބަންދުގައި ހުރުމާއި ފުރަތަމަ ތިން މަސް ހަމަވުމުން ފަސް އަހަރު ވަންދެން މޮނިޓަރިން މަރުޙަލާގެ ފަސް އަހަރު މުޖުތަމަޢުގައި ހޭދަކުރުމެވެ. އަދި މި މުއްދަތުގައި ކަރެކްޝަންސްއާއެކު ވެފައިވާ އިޤްރާރާ ޚިލާފުވެއްޖެނަމަ ކުރީގެ ޙާލަތަށް ބަދަލު ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިޞްލާޙީ ޚާއްޞަ ފުރުޞަތުދޭން ނިންމި ގައިދީނަށް ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެެރޭގައި؛

ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި ތަންފީޒީ އިދާރާތަކުގެ އެންގުންތަކަށް ތަބާވުމާއި

ޝަރުތުކުރެވިފައިވާ މުއްދަތުގައި ދެވޭ (ޚާއްޞަ ފުރުޞަތުގެ ތެރޭގައި) އެއްވެސް ކަހަލަ ކުށަކަށް އަރައިނުގަތުމާއި.

މުޖުތަމަޢުގައި އުޅޭއިރު ޢާއްމު އިޖްތިމާޢީ އަދި އަޚުލާޤީ މިންގަނޑަށް އިޙްތިރާމްކުރުމާއި

ދަޢުލަތުގެ ކަމާބެހޭ އިދާރާއިން ބޭނުންވެއްޖެ ޙާލަތެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުޑަކަމުދާ ތަކެތި ނުވަތަ ލޭގެ ސާމްޕަލް ދިނުމާއި

ޢާމްދަނީ ހޯދަން މަސައްކަތް ކުރުމާއި އެ މަސައްކަތުގެ ތަފްޞީލު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ޙިއްޞާ ކުރުމާއި

އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފުނުވުމާއި

އޮންލައިން ސައިޓްތަކާއި ސޯޝަލް ނެޓްވޯކްތަކާއި އެނޫންވެސް މީޑިއާގެ ވަސީލަތްތަކާއި ތަންތަނުގައި ދަޢުލަތުގެ އަގުވެއްޓޭގޮތަށް ވާހަކަ ނުދެއްކުމާއި

ޙަޤީގަތާއި ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުން. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ނުހެދުމާއި

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހުއްދަނެތި މީޑިއާ އިވެންޓްތަކުގައި ބައިވެރިނުވުމާއި

ޤަވާޢިދު ހުއްދަނުކުރާ އެއްވުންތަކުގައި ބައިވެރިނުވުން ހިމެނެއެވެ.

މޮނިޓަރ ކުރުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެނަމަ ނުވަތަ އެފަދަ ކަމެއް ބެލެނިވެރިޔާ ފޮރުވަން މަސައްކަތްކޮށްފިކަން އެނގިއްޖެނަމަ އިޞްލާޙީ ޚާއްޞަ ފުރުޞަތު ގެއްލި އިހުހުރި ޙާލަތަށް ކޮންމެ ޤައިދީއަކު ވެސް ރުޖޫޢަ ކުރެވޭނެކަމަށްވަނީ ނިންމަވާފައެވެ. މިފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެޤައިދީއެއްގެ ބެލެނިވެރިޔަކާ މެދު ދަޢުވާ ކުރެވޭނެއެވެ.