ވިޔަފާރި

މިހާރު އޮންލައިންކޮށް މަތިންދާބޯޓުވެސް ގަނެވޭ!!


ޗައިނާގެ އޮންލައިން ވިޔަފާރި މާކެޓެއްކަމަށްވާ "ޓޯބާއު"ގައި ބޮއިން 747ގެ ދެ މަތިންދާބޯޓު ވިއްކާލައިފިއެވެ. 

މިއީ ކުދިކުދި މަތިންދާބޯޓުތައް އޮންލައިންކޮށް ވިއްކާ ޓޯބާއުއިން މިސައިޒުގެ މަތިންދާބޯޓުތަކެއް އޮންލައިންކޮށް ވިއްކާލި ފުރަތަމަ ފަހަރެވެ.

ބަނގުރޫޓުވެފައިވާ ކުންފުންޏަކަށް ނިސްބަތްވާ މި ދެ މަތިންދާބޯޓު އޮންލައިންކޮށް ބޭއްވި ނީލަމެއްގައި ވިއްކާލާފައިވަނީ 320 މިލިއަން ޔުއާން ނުވަތަ 48 މިލިއަން ޑޮލަރަށެވެ. މަތިންދާބޯޓުތައް އޮންލައިންކޮށް ވިއްކާލާފައިވަނީ، އާއްމުކޮށް ނީލަންކިޔާ އުސޫލުން ބޭއްވި ނީލަންތަކުގައި ބޯޓުތައް ވިއްކާލުމަށް މިދިޔަ ދެ އަހަރުކުރި މަސައްކަތް ކާމިޔާބުނުވުމުންނެވެ. 

img:http://s4.psmnews.mv/images/660x400/15113585397484.jpg|ޗައިނާގެ އޮންލައިން މާކެޓުގައި ވިއްކާލި މަތިންދާބޯޓު

ދަރަނިވެފައިވާ ކުންފުނިތަކުގެ މުދާ ވިއްކުމަށް އޮންލައިން ޕްލެޓްފޯމްތައް މާ ރަނގަޅުކަމަށް މިފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. 

25 ފަރާތަކުން ބައިވެރިވި ނީލަމުގައި މަތިންދާބޯޓުތައް ގަނެފައިވަނީ ޗައިނާގެ އެސް.އެފް އެއަރލައިނުންނެވެ. ނީލަމުގައި 2 ބޯޓު ވިކިފައިވާއިރު އިތުރު މަތިންދާބޯޓެއް އަދިވެސް ނީލަމުގައި އެބައޮތެވެ. ނަމަވެސް އެބޯޓުގެ ނީލަން ފަށާފައި ނުވަނީ އެންމެ މީހަކު ނީލަމުގައި ރަޖިސްޓްރީވުމުންނެވެ. 

މަތިންދާބޯޓުތައް ވިއްކާލި ޓޯބާއުއަކީ މަޝްހޫރު އަލީބާބާ ކުންފުނިން ހިންގާ އީ-ބޭ ފަދަ އޮންލައިން މާކެޓެކެވެ. ޗައިނާގެ އޮންލައިން މާކެޓުގެ 75 އިންސައްތަ ކޮންޓްރޯލްކުރާ އަލީބާބާ ކުންފުނިން އޮންލައިންކޮށް ތަފާތު ތަކެތި ވިއްކައެވެ. ގެދޮރުން ފެށިގެން އެންމެ ބަރު ވެހިކަލްތަަކާއި އެއަރކްރާފްޓްވެސް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުން ނަގާފައި ހުންނަ ލޯނުތައްވެސް އަލީބާބާއިން އޮންލައިންކޮށް ވިއްކައެވެ.