ކުޅިވަރު

ސެވިއްޔާ އަތުން މޮޅު ނުވެވި ލިވަޕޫލަށް އިތުރު އިންތިޒާރެއް


ސެވިއްޔާ އަތުން 3-3 ން އެއްވަރުވެ، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމަށް ލިވަޕޫލް ފަހު މެޗަށް އިންތިޒާރު ކުރަން ޖެހިއްޖެއެވެ. 

ސްޕޭނުގައި ރޭ ކުޅުނު މެޗުން މޮޅުވެގެން ދެ ވަނަ ބުރު ޔަގީން ކުރެވެން އޮތް އިރު މެޗު ފުރަތަމަ ތިން ލަނޑު ޖެހީވެސް ލިވަޕޫލެވެ. 

ސާދިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ ޖެހި ދެ ލަނޑާއެކު ފުރަތަމަ ހާފުގައި ލިވަޕޫލަށް ބޮޑު ލީޑެއް ލިބުނެވެ. ނަމަވެސް ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ދެ ވަނަ ހާފުގައި މޮޅަށް ކުޅުނީ ސެވިއްޔާ ކަމަށް އެއްބަސްވެފައެވެ. އެ ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ ފަހު މިނިޓްގައެވެ. ނަމަވެސް ޓީމު ދެއްކި ހިތްވަރާ މެޗު ކޯޗު ކްލޮޕްގެ މާބޮޑު ކަންބޮޑުވުމެއްނެތެވެ. 

އޭނާ ބުނީ މިއަށްވުރެ ވަކި ރަނގަޅަށް ލިވަޕޫލަށް ނުކުޅެވޭނެ ކަމަށާއި، މެޗު އަތުން ދޫވެގެންދިޔައީ މާ އަވަހަށް މެޗު ނިންމާލެވުމުން ކަމަށެވެ. ހާއްސަކޮށް ފަހު ހާފުގައި އޭނާގެ ޓީމު އޮތީ ކުޅުން ހުއްޓާލައިގެން ކަމަށާއި، ހޭވެރިކަންވީ ވެސް ސެވިއްޔާ ދެ ގޯލު ޖެހުމުން ކަމަށެވެ. 

މިއީ ނަފްސާނީގޮތުން ދިމާވި މައްސަލައެއްނޫން ކަމަށާއި، މިއީ ލިވަޕޫލަށް މިފަހަކަށް އައިސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށް ވެސް ކްލޮޕް ވަނީ އެއްބަސްވެފައެވެ. 

މި ދެ ޓީމު ލިވަޕޫލްގައި ކުޅުނު މެޗު ވެސް ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ކޮންމެ ޓީމަކަށް ބާކީ ގްރޫޕްގައި މެޗެއް އޮތްއިރު ލިވަޕޫލް ޓޭބަލުގެ ކުރީގައި އޮތީ 9 ޕޮއިންޓާއެކުގައެވެ. ދެ ވަނާގައި ސެވިއްޔާ އޮތީ 8 ޕޮއިންޓާއެކުގައެވެ. ސްޕާޓަކް މޮސްކޯ އަށް ތިން ވަނަ ލިބެނީ 6 ޕޮއިންޓާއެކުގައެވެ. ދެ ވަނަ ބުރަށް ދިއުމަށް މި ތިން ޓީމަށް ވެސް ފުރުސަތު އެބައޮތެވެ.