ކުޅިވަރު

ރަނގަޅު ފެންވަރެއްގައި ރާއްޖޭގައި ބީޗް ވޮލީ މުބާރާތްތައް ބޭއްވޭނެ


ނަވާރަ އަހަރުން ދަށުގެ ބީޗްވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް އޭވީސީގެ އެކްޓިންގ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ވިދާޅުވެއްޖެއެވެ. 

އޭވީސީ ކޮންގްރެސްގެ ހަވާސާގައި ޕީއެސްއެމް ސްޕޯރޓްސްއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި އޭވީސީގެ ސެންޓްރަލް ޒޯން އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ވިދާޅުވީ އެފުރުޞަތު ވެގެންދާނީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށްވެސް ލިބޭ ރަނގަޅު ފުރުޞަތަކަށްކަމަށެވެ. ވޮލީބޯޅައިގައި ހަރަކާތްތެރި ޤައުމަކަށް ވުމަށާއި، ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަގަށްވެސް މިއީ ރަނގަޅު ފުރުޞަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އެމުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ދެއްވުމަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް އެދިފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ބީޗް ވޮލީ ކޮމިޓީއާ މިހާރުވެސް އޭނާ ވާހަކަ ދައްކަމުންދާކަމަށާއި، ރަނގަޅު ފެންވަރެއްގައި ރާއްޖޭގައި ބީޗް ވޮލީ މުބާރާތްތައް ބޭއްވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

" އޭޝިޔާގެ ނިސްބަތުން ރަނގަޅު ފެންވަރެއްގައި ރާއްޖޭގައި ބީޗް ވޮލީ މުބާރާތްތައް ބޭއްވޭނެ. 19 އަހަރުން ދަށުގެ މުބާރާތް ބާއްވަން ރާއްޖޭގެ އެސޯސިއޭޝަންގެ ރައީސް ލަތީފް ވަނީ އެދިފަ. އެކަމަށް ފަހިކޮށްދިނުމަށް ބީޗް ވޮލީ ކޮމިޓީއާ ވާނީ ޙިއްޞާކޮށްފަ. މިއީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށްވެސް، އަދި ވޮލީ ބޯޅައިގައި ހަރަކާތްތެރިކަން އިތުރުކުރަންވެސް ލިބޭ ރަނގަޅު ފުރުޞަތެއް " އޭނާ ވިދާޅުވިއެވެ.

ނަވާރަ އަހަރުން ދަށުގެ އޭޝިޔަން ބީޗް ވޮލީބޯޅަ މުބާރާތް އޭވީސީގެ ކަލަންޑަރުގައި ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ މާރޗްމަހުގެ ކުރިން ބޭއްވުމަށެވެ. ބާއްވާނެ ތަނެއް ކަނޑަނާޅާ އޮތް ހަމައެކަނި މުބާރާތަކީވެސް އެއީއެވެ. އަދި އަންނަ އަހަރު ރާއްޖޭގައި އޭވީސީ މުބާރާތެއް ބާއްވަން މިހާރު އޮތް ހަމައެކަނި ފުރުޞަތަކީވެސް އެއީއެވެ.

އޭވީސީގެ ބޯޑް މެމްބަު އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ޓޫރިޒަމް އިވެންޓެއްގެ ގޮތުގައި ރާއްޖޭގައި އެމުބާރާތް ބާއްވަން ބޭނުންވާކަމަށާއި، އެމަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެކަމުގައި ދެން އޮތީ ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުންކަމަށް ލަތީފް ވިދާޅުވިއެވެ.