ކުޅިވަރު

ސިޓީގެ ޒުވާން ކުޅުންތެރިން ތަރިންނަށް ހަދަން ގާޑިއޯލާ ތައްޔާރު


މެންޗެސްޓާ ސިޓީ އޮތީ އިނގިރޭސި ޒުވާން ފޯވަޑް ފިލް ފޮޑެން ތަރިއަކަށް ހަދައިދިނުމަށް ވާންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދޭން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. 

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ރޭ ފޭނޫޑް އަތުން ސިޓީ މޮޅުވި މެޗުގައި ފޮޑެން އަށް ކުޅުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ. ފޮޑެން އަކީ މި މަހު ކުރީކޮޅު ދުނިޔޭގެ 17 އަހަރުން ދަށު ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ޓީމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. 

ގާޑިއޯލާ ބުނީ މިއީ ސިޓީގެ އެކަޑަމީން ފާއިތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، ކުރިއަށް ދިއުން އޮތީ ފޮޑެން އަތްމަތީގައި ކަމަށެވެ. އަދި ސިޓީގެ ސްކޮޑަކީ ބޮޑު ސްކޮޑަކަށްވުމުން ފޮޑެން އަށް މިވަގުތު ފުރުސަތު ލިބޭނީ އޭނާ ކުރާ މަސައްކަތަކުން ކަމަށާއި، ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނަމަ ކުޅުންތެރިޔާ އަށް ގިނަ ފުރުސަތުދޭން ކޯޗަށް މަޖުބޫރުވާނެ ކަމަށެވެ. 

ގާޑިއޯލާ ވަނީ ފޮޑެން އިތުރުން ރޭގެ މެޗުގައި ސިޓީގެ އެކަޑަމީގެ ޒުވާން ކުޅުންތެރިޔާ ބްރެޒިލްގެ ބްރަހިމް ޑައިޒް އަށް ވެސް ކުޅުމުގެ ފުރުސަތު ދީފައެވެ. އެއަށް ފަހު ގާޑިއޯލާ ބުނީ މިއީ ސިޓީ އަށް އުފާވެރި ދުވަހެއް ކަމަށާއި، ކޮންމެ ކުލަބަކުން އެންމެ އުފާވާނީ އެބައެއްގެ އަމިއްލަ ކުޅުންތެރިން ޓީމުގައި ކުޅޭތަން ބަލަން ކަމަށެވެ. އަދި މިއީ ކުލަބުގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ވަރަށް ސާފު މިސާލެއް ކަމަށެވެ. 

ސްޕޭނުގެ ބާސެލޯނާގެ އެކަޑަމީގައި ޒުވާން ކުޅުންތެރިން ތަމްރީނުކޮށް އެކުޅުންތެރިންނާއެކު ސީނިއާ ޓީމުގައި ކާމިޔާބު ހޯދި ގާޑިއޯލާ މިހާރު އަމާޒު ހިފާފައިވަނީ ސިޓީގައި އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ.