ދީން

އުރުދުންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދެއް ރާއްޖެއަށް


ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުމަށް އުރުދުންގެ ގްލޯބަލް މޮޑަރޭޝަން ފޯރަމްގެ ވަފުދަކާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި ވަނީ އިސްލާމްދީނުގެ ކަންކަން މެދުމިނުގައި ދެމެހެއްޓުމަށާއި، ދީނީ ހަރުކަށިކަމާއި ހައްދުފަހަނައަޅާދިއުން ނައްތާލުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށްފައެވެ. އަދި އެފަދަ ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ކަމާގުޅުންހުރި މުއައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދުވެސް މަޝްވަރާ ކޮށްފައިވެއެވެ. މިމަޝްވަރާ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދުއާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ވަފުދުގެ ބޭފުޅުންވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާ ބައްދަލުކުރައްވާ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމާއި ރާއްޖެއަށް އެހީތެރިކަން ފޯރިކޮށްދެވިދާނެ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މި މަހުގެ 21 ން 25 އަށް މި ވަފުދުން ރާއްޖެއަށް ކުރާ ޒިޔާރަތުގައި މާދަމާ ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.