ޚަބަރު

ބިލަތްފައްސާއި، ހުޅުދެއްޔަށް ޖަނަރޭޓަރު ފޮނުވައިފި


ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ޙައްލެއް ހޯދާދިނުމަށް ކުރާ މަސައްކަތުގެ ދަށުން ށ.ބިލަތްފައްސާއި ދ.ހުޅުދެއްޔަށް ފެނަކަ ކޯޕަރޭޝަނުން ޖަނަރޭޓަރު ފޮނުވައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓް ދިނުމުގައި ދަތިކަން ހުރި ރަށްތައް ފާހަގަކޮށް، އެރަށްތަކަށް ބޭނުންވާ ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. އެގޮތުން ބިލަތްފައްސަށް 200 ކިލޯ ވޯޓް، އަދި ހުޅުދެއްޔަށް 250 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް މިއަދު ފޮނުވާފައިވާ ކަަމަށް ފެނައިން ބުނެއެވެ.

މި ދެރަށުގެ ތެރެއިން ށ.ބިލެތްފައްސަކީ މީގެ ދެ މަސްކުރިން އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ކަރަންޓް ކެނޑުނު ރަށެކެވެ. އެރަަށަށް މިހާތަނަށް ކަރަންޓް ދެމުން އައީ ވަގުތީ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. ދ.ހުޅުދެއްޔަށް މިއަދު ޖަނަރޭޓަރެއް ފޮނުވާފައިވާއިރު އެ ރަށަކީވެސް ކަރަންޓުގެ މައްސަލަ ދިމާވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ރަށެކެވެ. ބިލަތްފައްސާއި، ހުޅުދެއްޔަށް އަލަށް ފޮނުވި ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމުން، ކަރަންޓްގެ މައްސަލައަށް މިދެރަށުގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން ނ.ޅޮހީގެ ކަރަންޓް އަޕްގްރޭޑް ކުރުމަށް އެރަށަށް ޕެނަލް ބޯޑެއް ފޮނުވާފައިވާކަމަށް ފެނަކައިން ބުނެއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އިތުރު 44 ރަށަކަށް ޖަނަރޭޓަރުތައް ފޮނުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި މީގެ ތެރެއިން ބައެއް ރަށްތަކަށް ޖަނަރޭޓަރު ފޮނުވާނެކަމަށެވެ. އަދި ކަރަންޓް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ޕެނަލް ބޯޑާއި، ކޭބަލްފަދަ ސާމާނުވެސް ރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.